ޚަބަރު
ދަނޑުވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުޤުވެރިކުރުވުން މުހިންމު: ވަޒީރު މަރިޔަމް މާރިޔާ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ފޮޓޯ:ޕީއެސްއެމް
ރާއްޖޭގައި ޒަމާނީ އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރިއެރުވުމަށް މި ދާއިރާއަށް ޒުވާނުން ޝައުޤުވެރިކުރުވައި، ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންގެ އާބާދީ އިތުރުކުރުން މުހިންމުކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "ކޮންފަރެންސް އޮން ކްލައިމެޓް ރިޒިލިއަންޓް އެގްރިކަލްޗަރ ފޯރ ފުޑް ސެކިއުރިޓީ" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޮންފަރެންސަކީ ދަނޑުވެރިކަން ކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް އަށަގެންނެވުމާއި، ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ދިރާސީ ނަޒަރަކުން މަޝްވަރާކުރުމަށް ބާއްވާ ދެ ދުވަހުގެ ކޮންފަރެންސެކެވެ.
ވަޒީރު މަރިޔަމް މާރިޔާ ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރި ކަމަށެވެ. އޭގެ ތެރޭގައި ޓެކްނިކަލް މަޢުލޫމާތުގެ ދަތިކަމާއި، ބޭނުންވާ ވަސީލަތްތައް ލިބުމުގެ ދަތިކަމާއި، މާލީ އެހީ ހޯދުމުގެ ދަތިކަމާއި، ދަތުރުފަތުރުގެ ދަތިކަމާއި، އަދި މާކެޓް ހޯދުމުގެ ދަތިކަން ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ދަފްތަރުކޮށްފައިވާ 7,600 ދަނޑުވެރިންގެ ތެރެއިން ޒުވާނުންގެ ނިސްބަތަކީ އެންމެ %6.9 ކަމަށާއި، ރާއްޖޭގައި ކާބޯތަކެތި އިމްޕޯޓްކުރާ ނިސްބަތް %90 އަށް އަރާ ކަމަށެވެ. އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި ދާއިރާ ފުޅާކުރުމަށް ޒުވާނުން މި ދާއިރާއަށް ޝައުޤުވެރިކުރުވައި، ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ކޮންފަރެންސްގައި އެމްއެންޔޫ، އިސްލާމިކް އޮގަނައިޒޭޝަން ފޯރ ފުޑް ސެކިއުރިޓީ އަދި ކަމާ ގުޅުންހުރި ދާއިރާތަކުގެ ޓެކްނިކަލް ބޭފުޅުންގެ އިތުރުން މި ދާއިރާއިން ތަޢުލީމު ހާސިލްކުރާ ދަރިވަރުން ބައިވެރިވެއެވެ. ކޮންފަރެންސްގެ ނިންމުންތަކާއި މަޝްވަރާތައް، ޕޮލިސީ ލެވެލްގައި ސަރުކާރުގެ ކަމާ ގުޅުންހުރި ފަރާތްތަކަށް ހުށަހެޅޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.