ޚަބަރު
ޖެނުއަރީ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަކަން ފުލުހުން ހާމަކޮށްފި
ފުލުހުން/ ފޮޓޯ: އެޑިޝަން އެމްވީ
މި ނިމުނު ޖަނަވަރީ މަހު އެންމެ ގިނައިން ރިޕޯޓުކުރެވިފައި ވަނީ ވައްކަމުގެ މައްސަލަކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާ ބަލާއިރު، މިދިޔަ ޖަނަވަރީ މަހު ރިޕޯޓުކުރެވިފައިވާ ކުށުގެ އަދަދު މަދެވެ. މިގޮތުން، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ފުލުހުންނަށް ޖުމްލަ 1199 މައްސަލަ ހުށަހަޅާފައިވާއިރު، މިދިޔަ ޖަނަވަރީމަހު ފުލުހުންނަށް ހުށައަޅާފައި ވަނީ 980 މައްސަލައެވެ.
ޖެނުއަރީ މަހު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރުމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލައެވެ. ވައްކަމުގެ ޖުމުލަ 273 މައްސަލައެއް މިދިޔަ މަހު އެކަނި ވެސް ހުށައަޅާފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޓްރެފިކުގެ މައްސަލަކަމަށްވާއިރު، ތިނއވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މަސްތުވާތަކެތީގެ މައްސަލަކަންވެސް ފުލުހުން ހާމަކުރެއެވެ. މިގޮތުން، މަސްތުވާތަކެތިގެ 137މައްސަލަ ހުށައަޅާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ހެކިދެއެވެ.
ޖެނުއަރީ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތައް:
• ވައްކަމުގެ 273 މައްސަލަ
• މަގުމަތީ އެކްސިޑެންޓްތަކުގެ 231 މައްސަލަ
• މަސްތުވާތަކެއްޗާ ގުޅޭ 137 މައްސަލަ
• އެއްޗެހި ގެއްލިގެން 92 މައްސަލަ
• އަނިޔާ ކުރުމުގެ 64 މައްސަލަ
• މުދަލަށް ގެއްލުން ދިނުމުގެ 67 މައްސަލަ
• މަކަރާއި ހީލަތް ހެދުމުގެ 46 މައްސަލަ
• ފޭރުމުގެ 27 މައްސަލަ
• ޖިންސީ ގޯނާ ކުރުމުގެ 19 މައްސަލަ
• ގެވެށި އަނިޔާގެ 13 މައްސަލަ
• ފޯޖް ކުރުމުގެ 11 މައްސަލަ
ވައްކަމުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ގޭގެއަށް ޑޯޓުޑޯ ޕްރޮގުރާމުތައް ހިންގައި، އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. ހަމައެހެންމެ، މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، މާލޭ ސަރަޙައްދު ބެލެހެއްޓުމުގައި ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަން ވެސް ވަނީ ފަށާފައެވެ.