ޚަބަރު
ޖުޑީޝަރީއާ މަޝްވަރާކުރުމަށްފަހު ނޫނީ ބަންދު ފޯރަމުގައި ހުށަހެޅުނު ޙައްލުތައް އިދާރާތަކަށް ހުށައެއްނާޅާނަން: ޕީޖީ
ޕީޖީ އޮފީސް
ޝާރީޢަތް ނިމެންދެން ބަނދުގައި ބެހެއްޓުމާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން ބޭއްވި ބަންދު ފޯރަމުގައި ހުށަހެޅުނު ޙައްލުތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނީ ޖުޑީޝަރީއާ މަޝްވަރާކުރުމަށްފަހުކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޝަރުޢީ ކޯޓުތައް ފިޔަވައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށް، ޕީޖީ އޮފީހުން އިސްނަގައިގެން "ބަންދު ފޯރަމް" ބާއްވާފައި ވަނީ މި ދިޔަ ހޮނިހިރު ދުވަހުއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ، ޝަރީޢަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަތައް ޙައްލުކުރުމާ ގުޅޭގޮތުންނެވެ.
ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ ޝަރުތުތައް މުރާޖަޢާކޮށް މުޠާލިޢާކުރުމުގައި، ގެންގުޅޭނެ ހަމަތަކާއި އުޞޫލުތައް ކަނޑައެޅުމުގައާއި، މި ނިޒާމު މިހާރަށްވުރެ ފުރިހަމަކޮށް، ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ޙައްޤުތަކާއި މުޖުތަމަޢުގެ ޙައްޤުތައް ރައްކާތެރިކޮށް އެއްހަމަކުރެވޭނެ ގޮތަށް މި ނިޒާމަށް އީޖާދީ އަދި އީޖާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުމަކީ، މި ބައްދަލުވުމުގެ މައިގަނޑު އަމާޒުކަމަށް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ. ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކަށް ކުރިމަތިވާ މައްސަލަތައް ދެނެގަނެ، އެ ކަންކަމަށް އޮތް ޙައްލު ހުރިހާ އިދާރާތައް ގުޅިގެން ދެނެގަތުންކަމަށްވެސް މި މަޝްވަރާގެ ތެރެއިންނާއި، އެހެނިހެން ގޮތަގޮތުން ހައްލު ހޯދުމަށް މަސައްކަތްކުރާ މައްސަލައެއްކަން އެ އޮފިހުން ފާހަގަކުރަށްވާފައިވެއެވެ.
ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫންކަމާއި، މައްސަލައަކީ ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ޝަރީޢަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުންކަމަށް، މި ފޯރަމުގައި ބައިވެރިވި ހުރިހާ އިދާރާތަކުން ވަނީ އިއްތިފާޤުވެފައެވެ. ކޯޓުތަކުގައި ޖިނާއީ މައްސަލަތައް ކުރިއަށްގެންދިއުން އަވަސްކުރުމަށް ކޯޓުތަކަށް ފަހިކޮށްދީ އެހީތެރިވުމަށްޓަކައި، އިދާރާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން "ބަންދު ފޯރަމް" ގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާއިރު، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގައި ޤާއިމުކޮށްފައިވާ ވީޑިއޯ ކޮންފަރެންސިން ސިސްޓަމްތައް އިތުރުކުރުމާއި، ކޯޓުތަކުގެ އަޑުއެހުންތައް އޮންލައިން ޝެޑިއުލިންގ ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް މި ފޯރަމުގައި ގިނަ ޚިޔާލުތަކެއް ބަދަލުކުރެވިގެންގޮސްފައިވެއެވެ.
"ބަންދު ފޯރަމް" ގެ ފުރަތަމަ ބައި ކުރިއަށްގެންދެވުނީ، ޖުޑީޝިއަރީ ފިޔަވައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކާއެކުގަ. މި ފޯރަމުގެ ދެން އޮންނާނީ ޖުޑީޝަރީއާއެކު ކުރިއަށްގެންދާ ބައި.
ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ.
އެގޮތުން މި ފޯރަމުގައި ހޯދުނު ހޯދުންތަކާއި، ޙައްލުތައް ޖުޑީޝަރީއަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު، ޖުޑީޝަރީގެ ބައިވެރިވުމާއެކު އެކަންކަން ތަންފީޛްކުރުމަށް ސަރުކާރަށާއި، ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި އެކަންކަން ތަންފީޛްކުރެވެމުންދާ މިންވަރާމެދު އެ އޮފީހުން ފާރަވެރިވަމުންދާނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.