Ads by Exprox

ޚަބަރު

ޤައުމުތަކުގެ އެހީތެރިކަން މޫސުމާއި ގުޅުންހުރި ޞިއްޙީ ނުރައްކާތަކުން އަރައިގަތުމަށް ބޭނުންވޭ: ވަޒީރު ނާޡިމް

ޤައުމުތަކުގެ އެހީތެރިކަން މޫސުމާއި ގުޅުންހުރި ޞިއްޙީ ނުރައްކާތަކުން އަރައިގަތުމަށް ބޭނުންވޭ: ވަޒީރު ނާޡިމް

ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް/ ފޮޓޯ : ހެލްތު މިނިސްޓްރީ އެކްސް

03 ފެބްރުއަރީ 2025، 10:33

ޞިއްޙީ ނުރައްކާތަކުގެ ތެރެއިން ވެސް މޫސުމާ ގުޅުންހުރި ނުރައްކާތަކުން އަރައިގަތުމަށް، މިފަދަ ކަންކަމާ ކުރިމަތިލާން ޖެހޭ ނާޒުކު ޤައުމުތަކަށް، ބޮޑެތި ޤައުމުތަކުން އެހީތެރިވުމަށް ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

ސުވިޓްޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ މެންބަރުންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި  ޞިއްޙަތާ ބެހޭ ވަޒީރު މިފަދައިން ޢިލްތިމާޒްކުރަށްވާފައި ވުމާއެކު، ވަޒީރު ވަނީ ޞިއްޙީ ދާއިރާއިން ރާއްޖެއިން އިސްކަންދޭ ކަންކަމަށް ވެސް އަލިއަޅުވާލައްވާފައެވެ.

ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ "ހެލްތު ފޯރ އޯލް" މި ޝިޢާރުގެ ދަށުން ޞިއްޙީ ޚިދުމަތްތައް އެންމެންނަށް ހަމަހަމަކޮށް، އެއްވެސް މީހަކު އިސްތިސްނާނުކޮށް ފޯރުކޮށްދިނުމަށްކަން ފާހަގަކުރަށްވާ ވަޒީރު ވިދާޅުވީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ޕްރައިމަރީ ހެލްތު ކެއަރ (ޕީއެޗްސީ) ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.



ވަޒީރު ވިދާޅުވީ، ތިމާވެށްޓަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުޑަކުރުމަށާއި، ޞިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށް، ކުރިމަގުގައި ޤާއިމުކުރެވޭ ހޮސްޕިޓަލްތަކަކީ ތިމާވެށްޓާ ރައްޓެހި، ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރެވޭ "ގްރީން ސްމާޓް ހޮސްޕިޓަލް" ތަކަކަށް ވެގެންދާނެކަމަށް މަސައްކަތްކޮށް، އެ ފަދަ މުސްތަޤުބަލެއް ރާއްޖޭގެ  ޞިއްޙީ ދާއިރާއިން ފެނިގެންދާނެކަމަށް އުންމީދުކުރާކަމަށެވެ. 

ޞިއްޙީ ނިޒާމު ދުވަހަކަށްވުރެ ދުވަހެއް ކުރިއަރަމުން ދިޔަނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާއެކު، ރާއްޖެގެ ހުރިހާ ހިސާބަކަށްހެން ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެ، ބަލިތައް ދައުރުވާލެއް އިތުރުވަމުންދާކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ، މިފަދަ މޫސުމީ ގޮންޖެހުންތަކުގެ ސަބަބުން، ރައްޔިތުންނަށް ބެނުންވާ ޞިއްޙީ އެހީތައް ފޯރުކޮށްދިނުމުގައި ވެސް ދަތިތަކާ ކުރިމަތިލާންޖެހޭކަން ވެސް މި ވާހަކަކޮޅުގައި ވަޒީރު ފާހަގަކުރަށްވާފައިވެއެވެ. 

ވަޒީރު ވިދާޅުވީ، ގައިން ގަޔަށް އަރާ ބަލިތަކާއި، ޒުވާނުންގެ ތެރޭގައި އާދަވެފައިވާ ނުރަނގަޅު އާދަތަކުގެ ސަބަބުން ޞިއްޙީ ގޮތުން ރައްޔިތުން ނުރައްކަލަކަށް ވެއްޓިގެންދާފަދަ ޢަމަލުތައް ހުއްޓުވުމަށް ޓަކައި ރާއްޖެގައި އީ ސިނގިރެޓު މަނާކޮށްފައިވާކަން އުފަލާއެކު ފާހަގަކުރަށްވާކަމަށެވެ. ހަމައެހެންމެ، ކުއްލި ނުރައްކާތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އަސަރުތައް ހިމެނޭގޮތަށް، ދުނިޔެއަށް ދިމާވެފައިވާ އެކިއެކި ޞިއްޙީ ގޮންޖެހުންތައް ޙައްލުކުރުމުގައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމްއާއި އެ ޖަމްޢިއްޔާގެ އިސްވެރިން ފޯރުކޮށްދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco