ޚަބަރު
ސަޢުދީން ހަދިޔާކުރި ކަދުރު: މާލޭ ސަރަޙައްދުގައި ބެހުމަށް ކަނޑައެޅި މިންވަރަށް ބަހާ ނިމިއްޖެ
ސައިދީން ހަދިޔާކުރި ކަދުރު/ ފޮޓޯ: ދެން އެމްވީ
ރާއްޖެއަށް ސަޢުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބެހުމަށް އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ކަނޑައެޅުއްވި އަދަދަށް ކަދުރު ބަހާ ހުސްވެއްޖެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއްވައިފިއެވެ.
މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި، 1446 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރު ރާއްޖެ ގެނެވި، މި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވަނީ މިދިޔަމަހުގެ 20 ވަނަ ދުވަހުއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލޭ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދަށް މިހާރު ބަހާ ނިމިފައިވާކަމަށެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި ރަމަޟާންމަސް ފެށުމުގެ ކުރިން ކަދަރު ބެހުމުގެ ކަންކަން ކުރިއަށްގެންދެވުނު ފުރަތަމަ ފަހަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
25،000 ޕެކެޓުގެ ކަދުރު، ސަޢުދީ އަރަބިއްޔާއިން، ދިވެހިންނަށް ބެހުމަށް ހަދިޔާކުރެވިފައިވާކަމަށާއި، މި އަހަރު ލިބުނު ކަދުރުން ކޮންމެ 4 ގޭބީސީއަކުން 1 ގޭބީސީއަސް ކަދުރު ޕެކެޓެއް ލިބިގެންދާނެކަމަށް އިސްލާމީ ކަންކަމާ ބެހެ ވުޒާރާއިން ވިދާޅުވެފައިވެއެވެ. ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ލިބޭނެކަމަށް ވެސް އެ ވުޒާރާއިން ވަނީ މަޢުލޫމާތުދެއްވާފައެވެ.
ގްރޭޓާރ މާލެ އޭރިއާގެ ރައްރަށަށް ކަދުރުބެހުމުގެ މަރުހަލާތައް ކުރިއަށް ގެންގޮސްފައި ވަނީ އިސްލާމީ މަރުކަޒުގައެވެ. އަދި އަތޮޅުތެރޭގައި ކަދުރުބެހުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ، ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލު ނުވަތަ ސިޓީ ކައުންސިލުތަކުންނެވެ.
ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރަމަޟާންމަހުގެ އިފްތާރު ޕްރޮގްރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ފަރާތްތަކަށްވެސް މިފަހަރު ކަދުރު ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި އެކަމަށް ޝައުގުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަން ނޯޓުކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ދަންނަވާފައެވެ.