ޚަބަރު
ވިސާ ނެތް 3 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
ބިދޭސިން/ ފޮޓޯ: ސަން އޮންލައިން
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މާލޭގައި ހިންގަމުންދާ ކެފޭތައް ބަލާ ފާސްކޮށް، ވިސާ ނެތް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ހިންގާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، މާލޭގެ 4 ކެފޭއެއް ބަލާފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ. މި ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަކީ، ޤަވާއިދާ އެއްގޮތައް މަސައްކަތްކުރާ ބަޔަކުކަން ކަށަވަރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ވިސާނެތް 3 ބިދޭސީއެއް ފެނިފައިވެއެވެ. މި 3 މީހުންވެސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ޤަވާއިދުން ރެއިޑް އޮޕަރޭޝަންތައް ހިންގަމުންދާއިރު، އެކި ސަބަބުތަކާއި ހެދި ޤަވާއިދުން ބޭރުފައިވާ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ވެސް ދަނީ ފަހިކޮށްދެމުންނެވެ. މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދަވާއިރު، ބިދޭސީންގެ ބަޔޮމެޓްރިކްސް ނަގާ ރާއްޖޭގެ އުޅެމުންދާ ބިދޭސީންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ.