Ads by Exprox

ޚަބަރު

މާލޭގެ ބޭރު ތޮށި މަރާމާތުކުރުމަށް ޖަޕާނު ސަރުކާރުގެ ބޮޑު އެހީއެއް!

މާލޭގެ ބޭރު ތޮށި މަރާމާތުކުރުމަށް ޖަޕާނު ސަރުކާރުގެ ބޮޑު އެހީއެއް!

ޖަޕާން ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ޚާރިޖީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2024، 05:56

17 ސެޕްޓެމްބަރު 2024، 05:56

މާލޭގެ ބޭރު ތޮށި މަރާމާތު ކުރުމަށްޓަކައި ޖަޕާނު ސަރުކާރުން 20 މިލިއަން ޖަޕާނީޒް ޔެން (ގާތްގަނޑަކަށް 140،000 އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީއެއް ދިވެހި ސަރުކާރަށް ދޭން އެއްބަސްވެއްޖެއެވެ.

މި އެހީ ދިނުމަށް އެއްބަސްވެފައިވަނީ "މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމުގެ މަޝްރޫޢު" ފެށުމަށް މިއަދު ޚާރިޖީ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާނުގެ ސަފީރު ތަކެއުޗި މިދޯރިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވައިފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ.

މި މަޝްރޫޢަކީ 1988 އިން 2006 އަށް ހިންގުނު މާލޭ ބޭރު ތޮށި އެޅުމުގެ ތާރީޚީ މަޝްރޫޢުގެ ދެވަނަ ފިޔަވައްސެވެ.

ޖަޕާނު އެމްބަސީން ފާހަގަކޮށްފައިވާ ގޮތުން އެ މަޝްރޫޢުގެ ސަބަބުން 2004ގެ ސުނާމީގައި މާލެއަށް ލިބުނު ގެއްލުން ކުޑަކޮށް މާލޭގެ ރައްޔިތުން ރައްކާތެރިކުރުމަށް އެހީވެދިނެވެ.

އަދި އެއީ ދެ ޤައުމުގެ ދެމެހެއްޓެނިވި ގުޅުމާއި އިތުބާރުގެ ނިޝާނެއް ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން، މި އައު މަޝްރޫޢުގެ ދަށުން މާލޭގެ އުތުރާއި އިރުމަތީ ފަރާތުގެ ބޭރު ތޮށި އަޕްގްރޭޑްކޮށް، ފެނާ ގުޅުންހުރި ކާރިސާތަކުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއް އެޅޭނެ ކަމަށާ، އަދި މާލޭގައި ވާރޭ ފެން ހިންދުމަށް ބޭނުންވާ ޚާއްޞަ އާލާތްތަކެއް ޖަޕާނު ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ޖަޕާން އެމްބަސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ޑިޒައިން މަރުހަލާ ނިންމުމަށް 1 އަހަރު ދުވަސް ނަގާނެ ކަމަށް ޖަޕާނުން ލަފާކުރާއިރު، އޭގެ ފަހުން ކޮންސްޓްރަކްޝަން މަރުހަލާގައި ބޮޑު އަދަދެއްގެ ހިލޭ އެހީ ދީގެން 2027 ވަނަ އަހަރުގެ ނިޔަލަށް މާލޭ ބޭރު ތޮށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިންމުމަށް ރޭވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ޖަޕާނުން އިތުރަށް ބުނެފައިވަނީ، މި ދެ ފިޔަވަހީގެ މަޝްރޫޢު ހިންގާނީ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއާ ގުޅިގެނެވެ.

ޖަޕާނުގެ ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދީފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco