Ads by Exprox

ޚަބަރު

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިން އަތުން ފައިސާ ނުނަގަން އިރުޝާދު ދީފި

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިން އަތުން ފައިސާ ނުނަގަން އިރުޝާދު ދީފި

ސްކޫލެއްގައި ދަރިވަރުންނާއި މުދައްރިސުން- ފޮޓޯ: ޕީއެސްއެމް ނިއުސް

farudhun logo

ފަރުދުން

17 ސެޕްޓެމްބަރު 2024، 09:28

17 ސެޕްޓެމްބަރު 2024، 09:28

ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ސްކޫލުތަކަށް އަންގައިފި އެވެ.

މިނިސްޓްރީން ބުނީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ޓީޗަރުން ކުރާ އަގުހުރި މަސައްކަތުގެ އަގުވަޒަން ކުރުމާ އެކު، ޓީޗަރުންގެ މުހިންމު ކަމާއި ގައުމު ބިނާކުރުމުގައި ޓީޗަރުންގެ ދައުރު ދަރިވަރުންނާއި މުޖުތަމައުއަށް ފޯރުކޮށްދިނުން ކަމަށެވެ.

މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، އަގުބޮޑު ހަފްލާތަކަށްވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސް ފާހަގަ ކުރުން މުހިންމު ކަމުގައެެވެ. އެއާއެކު ހުރިހާ ހަރަކާތްތަކެއް އެއް ދުވަހެއްގެ ތެރޭގައި ބޭއްވުމާއި، އެދުވަހުގެ ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުވާގޮތަށް އެސެމްބްލީއެއް ބޭއްވުމަށް މި ސަރކިއުލަރގައި ވެއެވެ. 

އަދި ޓީޗަރުންގެ ދުވަހުގެ ގޮތުގައި 6 އޮކްޓޯބަރ އާއި 10 އޮކޮޓޯބަރ އާ ދެމެދު ވަކި ދުވަހެއް ކަނޑައެޅުމާއެކު އެދުވަހުގެ ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގުނުވާ ގޮތަށް ހަރަކާތްތައް ގެންދިއުމަށްވެސް ވަނީ އަންގާފައެވެ. ސަރކިއުލަރގައި އިތުރަށް ބުނެފައިވަނީ ޓީޗަރުންގެ ދުވަހާއި ގުޅިގެން ރަށުން ބޭރުގައި ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށާއި، ދަރިވަރުން އަދި ބެލެނިވެރިންގެ ފަރާތުން ވަކިވަކި ޓީޗަރުންނަށް ހަދިޔާ ނުދިނުމާއި، ޓީޗަރުންގެ ގަދަރާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އެ ދުވަހުގެ ހަރަކާތްތައް ހިންގުމަށް އިރުޝާދު ދެއްވާ ކަަމަށެވެ. 

ޓީޗަރުންގެ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހެވެ. ރާއްޖޭގެ ސްކޫލްތަކުގައިވެސް މި ދުވަސް ގެންދަނީ ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. ޓީޗަރުންގެ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރުމަށް ބެލެނިވެރިންގެ އަތުން ފައިސާ ނެގުމާއި ބޮޑެތި ޚަރަދުތައް ކުރަންޖެހޭ މައްސަލައަކީ މީގެކުރިން ވެސް ކުރިމަތިވާ މައްސަލައެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco