ކުޅިވަރު

އެމްބައްޕޭގެ ގޯލުން ރެއާލް މެޑްރިޑުގެ ލީޑު ލީގުގެ އެއްވަނައިގައި ދަމަހައްޓައިފި

އެމްބައްޕޭގެ ގޯލުން ރެއާލް މެޑްރިޑުގެ ލީޑު ލީގުގެ އެއްވަނައިގައި ދަމަހައްޓައިފި

ރެއާލް މެޑްރިޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނުމަށްފަހު އެމްބައްޕޭ އުފާފާޅުކުރަނީ--- ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ފެބްރުއަރީ 2025، 09:18

09 ފެބްރުއަރީ 2025، 09:18

ސްޕެނިޝް ލަލީގާގައި ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ލީގުގެ އެއްވަނައިގައި އޮތް އެއް ޕޮއިންޓުގެ ލީޑު ރެއާލްއިން ދަމަހައްޓައިފިއެވެ. 

ޑިއެގޯ ސިމިއޯނޭގެ އެތުލެޓިކޯ އިން މެޗުގެ ލީޑު ނެގީ 35ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އޮރޭލިއަން ޗޮމޭނީ، ސެމުއެލް ލިނޯއަށް ފައުލްކުރިކަމަށް ވީޑިއޯ އެސިސްޓެންޓު ރެފްރީ ނިންމުމުން، މި ޕެނަލްޓީއާ މެދު ހޫނުކޮށް ބަހުސް ވެސް ވަނީ ކުރެވިފައެވެ. ނަމަވެސް ހޫނު ބަހުސެއްގެ ތެރެއިން ހަމަޖެހިލާފައި، "ޕެނަންކާ" ސްޓައިލަށް ގޯލުގެ މެދަށް ފޮނުވާލައި، އެ ޓީމަށް ލީޑު ނަގައިދިނީ ހޫލިއަން އަލްވަރޭޒްއެވެ.

ރެއާލް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައެވެ. އެމްބައްޕޭ މި ގޯލު ކާމިޔާބުކުރީ، މެޗުގެ 50ވަނަ މިނެޓުގައި ޖޫޑް ބެލިންގްހަމްގެ ހަމަލާއެއް ބައުންވެފައި ނިކުތުމުން، އެ ބޯޅަ އެއް ޓަޗުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފުގައި ރެއާލްގެ ބެލިންގްހަމް ވަނީ މޮޅަށް ކުޅެ، އެ ޓީމަށް ލީޑު ނަގައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭނާގެ އެއް ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އަނެއް ނުރައްކާތެރި ހަމަލާ ވަނީ އެތުލެޓިކޯގެ ގޯލް ކީޕަރު، ޔޭން އޮބަލަކް ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު، ރެއާލް 50 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް އެތުލެޓިކޯއަށް ލިބިފައިވަނީ 49 ޕޮއިންޓެވެ. އަދި އެއް މެޗުގެ އެޑުވަންޓޭޖު އޮތް ބާސެލޯނާ އޮތީ 45 ޕޮއިންޓާއެކު ތިންވަނައިގައެވެ.

ރެއާލް މެޑްރިޑަށް ދެން އޮންނާނީ ބޮޑު މެޗެކެވެ. އެއީ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS