Ads by Exprox

ޚަބަރު

ގުޅީގައި ވެމްކޯގެ ޚިދުމަތް ފެށުމުން ކުނީގެ މައްސަލައަށް ހައްލު ލިބޭނެ: ވަޒީރު ޠާރިޤު

ގުޅީގައި ވެމްކޯގެ ޚިދުމަތް ފެށުމުން ކުނީގެ މައްސަލައަށް ހައްލު ލިބޭނެ: ވަޒީރު ޠާރިޤު

ކ. ގުޅީގައި ވެމްކޯގެ ޚިދުމަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތު ފޮޓޯ:ވެމްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ފެބްރުއަރީ 2025، 11:48

09 ފެބްރުއަރީ 2025، 11:48

ކ. ގުޅީގައި ވެމްކޯގެ ޚިދުމަތް ފެށުމާ ގުޅިގެން އެ ރަށުގައި ބޮޑުވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ކ. ގުޅީގައި ވެމްކޯގެ ޚިދުމަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޠާރިޤު ވިދާޅުވި ގޮތުގައި ގުޅީއަކީ މިހާރުވެސް ފަތުރުވެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ރަށެއް ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައިވެސް ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެއެވެ. ނަމަވެސް ކުނީގެ މައްސަލައަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވެމްކޯއާއެކު މި ފެށިގެންދާ މަސައްކަތުން މިކަމަށް އެދެވޭ ނަތީޖާއެއް ލިބިގެންދާނެ. ކުނި ނެގުމާއި މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދެވޭނެ

ވަޒީރު 

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި މި ޚިދުމަތުގެ ސަބަބުން ކުނި އުކާލުމުގެ ނިޒާމު ހަރުދަނާވެ، ރަށުގެ ވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް މިކަން ވެގެންދާނެއެވެ. އަދި އެ ވުޒާރާއާއި ވެމްކޯއިން ގުޅިގެން ކުނީގެ މައްސަލަ ހައްލުކުރުމަށް މިވަގުތުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ގުޅީގައި ވެމްކޯގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކ. އަތޮޅު ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދެއް ފުއްދުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ވެމްކޯގެ އައު އިސްނެގުންތަކުގެ ތެރޭގައި މާލެއިން ގެންނަ ކުނި ކޮންޓެއިނަރައިޒްކުރުމުގެ މަސައްކަތް ފެށުމާއި، ބަންކަރިންގ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުން ހިމެނެއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ޤައުމީ ޕްލޭނެއް އިފްތިތާޙްކޮށްފައެވެ. މި ޕްލޭންގެ ދަށުން ކުނި މެނޭޖްކުރުމުގެ ހާލަތު ވަޒަންކޮށް ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އާންމުން ހޭލުންތެރިކުރުން ހިމެނެއެވެ.

ވެމްކޯއިން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ގިނަ ސަރަޙައްދުތަކަކަށް އެ ކުންފުނީގެ ޚިދުމަތް ފުޅާކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް ކ. ގުޅީގައިވެސް މި ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކި ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ވެމްކޯއިން އަންނަނީ ދެމުންނެވެ. މިގޮތުން ގުޅީގައި ވެމްކޯގެ ޚިދުމަތް މިހާރު މިވަނީ ފަށާފައެވެ.


                    


                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS