ޚަބަރު
ކާބޯތަކެތި ވިއްކާ ވިޔަފާރީގައި ޤާނޫނާއި ޚިލާފުވީ ބިދޭސީއަކު ނަމަ އެމީހަކު ޑީޕޯޓް ކުރާނެ: ވަޒީރު ޙަލީލް
ޞިއްޙަތާއި ބެހޭ ވަޒީރު ޑރ އިބްރާހިމް ޙަލީލް. ފޮޓޯ: ޞިއްޙީ ވުޒާރާ
ކާބޯތަކެތީ ވިއްކާ ވިޔަފާރީގައި ޤާނޫނާއި ޚިލާފުވީ ބިދޭސީއަކު ނަމަ އެމީހަކު ޑީޕޯޓް ކުރާނެ ކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ޑރ އިބްރާހިމް ޙަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު ޙަލީލް މިހެން ވިދާޅުވީ ޞިއްޙީ ވުޒާރާއިން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް ހަދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ ރެއިޑުތަކުގައި ކާބޯތަކެތީގެ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ ތަންތަނުގައި ކާތަކެތި އުފައްދާ ވިއްކާ މަންޒަރު ފެންނަ ވަރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޙަލީލް ވަނީ މިކަމާއި މެދު ވާހަކަ ދައްކަވައިފައެވެ.
"ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެން ފަހަކަށް ނުޖެހޭނަން، ރައްޔިތުންގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ އުފައްދާ މީހަކީ ރާއްޖެއިން ބޭރު މީހެއްނަމަ، ޑީޕޯޓް ކުރަން ޖެހިއްޖެއްޔާ އެކަންވެސް ކަމާއި ބެހޭ އިދާރާތަކަށް ފޮނުވައި އެމީހަކާއި ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅު އަޅާނަން" ވަޒީރު ޙަލީލް ވިދާޅުވިއެވެ.
މީގެއިތުރުން ޙަލީލް ވިދާޅުވީ އެކަން ކުރި މީހަކީ ރާއްޖޭގެ ޤާނޫނުގެ ތެރެއިން އަދަބު ކަނޑައެޅޭ މީހެއްކަމަށް ވާނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާހިސާބުން ފާހަގަކުރެވެނީ ބޮޑެތި މައްސަލަތައް، ޢާންމު ގޮތެއްގައި މިފާހަގަ ކުރެވެނީ އިލީގަލް ނޫނިއްޔާ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބޭރު އެކިއެކި މީސްމީހުންގެ ފަރާތުންކަން" ވަޒީރު ޙަލީލް ވިދާޅުވިއެވެ.
މިހާރު ރައީސް ޑރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ބެލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މިކަހަލަ ވަރަށް ގިނަކަންކަން ފާހަގަކުރެވެމުން ދާކަމަށް ވަޒީރު ޙަލީލް ވިދާޅުވިއެވެ.