ޚަބަރު
ފަލަސްޠީނަށް އިންސާފު ހޯދައިދިނުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ކޮޕް ސަމިޓުގައި ތަޤުރީރުކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަގުތުން ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ސާބިތުވެ ތިބިކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚާއްޞަ ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ އަނިޔާވެރި ޢަމަލުތައް މިހާރުން މިހާރަށް ހުއްޓުވުމަށާއި، ޣައިރުޤާނޫނީ ވަޒަންވެރިވުންތަކާއި ނަސްލީ އިމްތިޔާޒު ނިމުމަކަށް ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މި ދުވަހަކީ ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ބަޔާންކުރަން ދަތި ވޭނާއި ކެކުޅުންތައް ދުނިޔެއަށް ހަނދާންކޮށްދޭ ދުވަހެއްކަން ފާހަގަކުރައްވައި، ހަމައެކަނި ކުށްވެރިކުރުމުގެ ބަޔާންތައް ނެރުމުގެ ބަދަލުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ޢަމަލީ ފިޔަވަޅުތައް އެޅުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މީގެއިތުރުން، 1967 ގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ދައުލަތެއް ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި އދ. ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި، އެ ޖަމްޢިއްޔާގެ ހުރިހާ ގުނަންތަކެއްގައި ހަމަހަމަކަމާއެކު ބައިވެރިވުމުގެ ޙައްޤު ފަލަސްޠީނަށް ކަށަވަރުކޮށްދިނުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން އަދާކުރަމުންދާ އިސް ދައުރަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއިން އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ މައިދާންތަކުގައި އެ ޤައުމުގެ ޙައްޤުގައި ކުރަމުންދާ ވަކާލާތު ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން، ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްޚުލް ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، އދ. ގެ ރިލީފް އެންޑް ވާރކްސް އެޖެންސީ (އުންރުވާ) މެދުވެރިކޮށް ދިވެހި ރައްޔިތުންގެ ފަރާތުން 1.2 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ދިވެހި ދައުލަތުން އެ ޖަމާޢަތަށް އަހަރަކު ދެމުން އައި މާލީ އެހީ ދިހަގުނައަށް އިތުރުކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން، ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން އަމާންކަމުގެ އަސާސީ ޙައްޤު ނިގުޅައިގަނެވިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށާއި، ބޭސްފަރުވާއާއި ކާބޯތަކެތި ފަދަ އިންސާނީ އެހީތައް އެއްވެސް ހުރަހެއްނެތި ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.