ޚަބަރު
މާލެ ސަރަޙައްދުގައި މިމަހު 20 ވަނަ ދުވަހު މަސްދަޅު ކޭސް ބަހަން ފަށަނީ

އަތޮޅުތެރޭގެ ރަށެއްގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިިއަށް ދަނީ
ހުލާސާ
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ދާނީ ޖުމްލަ 5 ސަރަޙައްދެއްގައި
މިއަހަރުގެ ރަމަޟާންމަހު ގޭބީސީތަކަށް މަސްދަޅު ކޭސް ބެހުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅާއި އެއްގޮތަށް މާލެ ސަރަޙައްދުގެ ގޭބީސީތަކަށް، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މަސްދަޅު ކޭސް ބަހަން ފަށާނެ އެވެ.
މިއަހަރުގެ ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅުކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ، އެމަނިކުފާނުގެ ސަރުކާރަށް 1 އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރެއްވުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، މި ވަޢުދުފުޅާއި އެއްގޮތަށް މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ވަނީ އަތުޅުތެރޭގެ ރަށްތަކަށް މަސްދަޅުކޭސް ފޮނުވަން ފަށައިފަ އެވެ. ހަމަ އެހެންމެ، އަތޮޅުތަކުގެ ބައެއް ކައުންސިލުން ވަނީ މިހާރު މަސްދަޅުކޭސް ބެހުމުގެ މަސައްކަތް ފަށައިފައެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ދާނީ ޖުމްލަ 5 ސަރަޙައްދެއްގަ އެވެ. އެއީ، މާލޭ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭބައާއި، މިފްކޯގެ އޮފީހުގެ ގްރައުންޑް ފްލޯއާއި، ވިލިމާލެ ސޯޝަލް ސެންޓަރ، ހުޅުމާލެ ފޭސް1ގެ ޢުމަރު ޒާހިރު ބިލްޑިންގ ގެ އިތުރުން، ހުޅުމާލެ ފޭސް2 ގެ ހިޔާ ފްލެޓްގެ 10 ވަނަ ފްލެޓްގައި ހުންނަ ޔޫތު ސެންޓަރުގަ އެވެ. މި ސަރަޙައްދުތަކުގައި މަސްދަޅުކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި މާލެ ސިޓީ ކައުންސިލުން ގުޅިގެންނެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުން ފަށައިގެން، ޖުމްލަ 8 ދުވަހުގެ މުއްދަތަކަށެވެ. އަދި، މި ދުވަސްތަކުގައި މަސްދަޅު ކޭސްތައް ބެހުމަށް ހަމަޖެހިފައިވަނީ ވަކި ވަގުތުތަކެއްގަ އެވެ. އެގޮތުން، ކޮންމެ ދުވަހެއްގެ މެންދުރު ފަހު 14:30 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށް މަސްދަޅުކޭސް ބެހުން ކުރިއަށް ދާނެއެވެ. ހަމަ އެހެންމެ، ރޭގަނޑު 8:30 އިން ފެށިގެން 11:00 އާއި ހަމައަށް މި މަސައްކަތް އެކަމަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކުގައި ކުރިއަށްދާނެ އެވެ.
ސަރުކާރުން ވިދާޅުވީ، ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބަހަނީ އާންމުކޮށް ގޭބީސީތަކުގައި ބޭނުންކުރާ 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭސް ކަމަށެވެ. މީގެ އިތުރުން، ރަމަޟާން މަސް ފެށުމުގެ ކުރިން މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ނިމޭނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.