ޚަބަރު
ކޯރާޑިން ހަމަލާދިން މައްސަލައިގައި ހިމެނޭ ދެވަނަ މީހާ ވެސް ތަޙުޤީޤު ނިމެންދެން ބަންދަށް

ކޯރާޑިން ހަމަލާދިން މައްސަލައިގައި ހިމެނޭ ރުސްތުމް---
ކޯރާޑިން ހަމަލާދިން މައްސަލައިގައި ހިމެނޭ ދެވަނަ މީހާ ވެސް ތަޙުޤީޤު ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކުރީ، ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގެ ހުޅަނގު ފަރާތުގައި މަޑުކޮށްގެން ހުރި މީހަކަށް ކޯރާޑިއަކުން ހަމަލާ ދިނުމަށްފަހު ފިލަން ދަނިކޮށް، ސިނަމާލެ ބުރިޖާއި ގުޅިފައި އޮންނަ ހައިވޭގެ މަތިން މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ، ހީނާމާގެ އުމުރުން 25 އަހަރުގެ ރުސްތުމް އިބްރާހީމްއާއި، ބ.ގޮއިދޫ، ފިނިފެންމާގޭ އުމުރުން 19 އަހަރުގެ ސައިފްﷲ ފައިޞަލެވެ.
މި ދެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހޯމަދުވަހު ކޯޓަށް ހާޒިރުކުރުމުން، ސައިފުﷲ ބަންދުކުރުމަށް ކޯޓުން ނިންމީ ތަޙުޤީޤު ނިމެންދެނެވެ. އަދި އެ ދުވަހު ރުސްތުމް ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ނަމަވެސް، މިއަދި ކްރިމިނަލް ކޯޓުން ނިންމީ އޭނާ ވެސް ތަޙުޤީޤު ނިމެންދެން ބަންދުކުރުމަށެވެ.
މި ދެ މީހުން ހައިވޭ މަތިން ހައްޔަރުކުރިއިރު އެ ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރާ ސާމާނު ވެސް ފެނިފައިވެއެވެ. އޭގެ ތެރޭގައި ވަޅިއެއް ވެސް އޮތެވެ.