ޚަބަރު
ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުން އެ ޤައުމުގެ ކެބިނެޓުން ފާސްކޮށްފި

ސަޢޫދީ ޢަރައްބިއްޔާގެ ކެބިނެޓު ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ސަޢޫދީ ސަރުކާރު
ސަޢޫދީ އަރަބިއްޔާ އާއި ދިވެހި ސަރުކާރާ ދެމެދު ވިޔަފާރި އަދި އިޤްތިޞާދު ކުރިއެރުވުމަށް ހަދާފައިވާ މެމޮރާންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) ތަންފީޒުކުރުމަށް އެ ޤައުމުގެ ކެބިނެޓުން އިއްޔެ ފާސްކޮށްފިއެވެ.
މި އެމްޔޫގައި އެއްބަސްވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާކޮށް، ބޯޑަރ ހުރަސްކޮށް ކުރެވޭ ފޮރިން އިންވެސްޓްމެންޓުތައް އިތުރަށް ފުޅާކުރުމަށް މަގުފަހިކުރުމެވެ. މީގެ އިތުރުން، ވިޔަފާރި އާއި ފަތުރުވެރިކަމާއި އިމާރާތްކުރުންފަދަ މުހިންމު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މި އެމްއޯޔޫ ބާރުއަޅާނެއެވެ.
މި އެމްއޯޔޫގައި ސޮއިކުރައްވާފައި ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަލްފާޟިލް މުޙައްމަދު ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟަށް ކުރެއްވެވި ރަސްމީ ދަތުރުފުޅެއްގައި، 30 ސެޕްޓެންބަރު 2024ގައެވެ.

ސަޢޫދީ އަރަބިއްޔާ އާއި ދިވެހި ސަރުކާރާ ދެމެދު ވިޔަފާރި އަދި އިޤްތިޞާދު ކުރިއެރުވުމަށް ހަދާފައިވާ އެމްއޯޔޫގައި ސޮއިކުރެއްވުން، ފޮޓޯ: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
އެ ދަތުރުފުޅުގައި ރާއްޖޭގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮމާސް އަދި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑުގެ ބޯޑު ޗެއާރމަން، ޑރ. މާޖިދު ބިން ޢަބްދުﷲ އަލްޤަސަބީއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ސަޢީދު ވަނީ، ސަޢޫދީގެ މިނިސްޓަރ އޮފް ކޮމާސް އަދި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑުގެ ބޯޑު ޗެއާރމަން، ޑރ. މާޖިދު ބިން ޢަބްދުﷲ އަލްޤަސަބީ އާއި ސަޢޫދީ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ. އަދި ސޮއިކުރެވުނު އެމްއޯޔޫއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ ރަމްޒެއްކަމަށާއި، މި އެމްއޯޔޫގެ ސަބަބުން، ދިވެހިރާއްޖެއަށް ތަރައްޤީ ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ގެންގުޅުއްވާ ދުރުރާސްތާ ޕްލޭނަށް އިތުރު ބާރަކަށް ވެގެންދާނެކަމަށް ވެސް ހާމަކުރައްވާފައިވެއެވެ.