Ads by Exprox

ޚަބަރު

"ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤަވާއިދު" ޞިއްޙަތާ ބެހޭ ވުޒާރާއިން އާންމުކޮށްފި

"ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤަވާއިދު" ޞިއްޙަތާ ބެހޭ ވުޒާރާއިން އާންމުކޮށްފި

"ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤަވާއިދު" އާންމުކުރުން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ފެބްރުއަރީ 2025، 03:08

12 ފެބްރުއަރީ 2025، 03:08

ދުންފަތް ކޮންޓްރޯލްކުރުމަށް ވަރުގަދަ ފިޔަވަޅުތަކަކާއެކު "ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤަވާއިދު" ޞިއްޙަތާ ބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ. މި ޤަވާއިދު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

މި ޤަވާއިދުގެ މައިގަނޑު މަޤްޞަދަކީ ދުންފަތުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ޞިއްޙީ މައްސަލަތަކުން މުޖުތަމަޢު ރައްކާތެރިކުރުމެވެ. އަދި އާންމު ތަންތަނާއި ވަޒީފާގެ މާޙައުލުތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ އަދި ދުންފަތުގެ ދުމުން ރައްކާތެރި މާޙައުލުތަކަށް ހެދުމެވެ.

ޤަވާއިދުގައި ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި، ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތުކުރުމަށް ދޫކުރެވޭ ހުއްދައިގެ ބާވަތްތަކާއި، އެ ހުއްދަތައް ދޫކުރެވޭ ގޮތާއި، ބާޠިލުކުރެވޭ ގޮތާއި، ހުއްދައާ ގުޅޭ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ.

މިސްކިތްތަކާއި ސްކޫލްތަކާއި، އިޖުތިމާޢީ ތަންތަނާއި، އާންމު ޚިދުމަތްދޭ ތަންތަނާއި، އާންމު ހަރަކާތްތައް ހިންގާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވެއެވެ. އަދި ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، އާންމު ދަތުރުފަތުރުކުރާ އުޅަނދުފަހަރުގައިވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެއެވެ.

ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި މުޢާމަލާތުކުރާ ފަރާތްތަކުން ވަކި ހުއްދައެއް ހޯދަންޖެހޭނެއެވެ. އަދި 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި، އެފަދަ މީހުން ލައްވައި ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާކަމެކެވެ.

ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމާއި ޕްރޮމޯޓުކުރުމާއި ސްޕޮންސަރކުރުން މަނާކޮށްފައިވާއިރު، ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްކުރަންޖެހޭ ގޮތުގެ ތަފްޞީލުވެސް ޤަވާއިދުގައި ހިމަނާފައިވެއެވެ.

ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ކަނޑައަޅާފައިވާއިރު، މި ޤަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ކުރިން ޢަމަލުކުރަމުން އައި ބައެއް ޤަވާއިދުތައް އުވިގެންދާނެއެވެ.
                    

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS