Ads by Exprox

ޚަބަރު

ޕޯސްޓް މޯޓަމް ރިޕޯޓުން ދައްކަނީ އަތުހަރު މަރުވީ ދަންޖެހިގެންކަމަށް: ފުލުހުން

ޕޯސްޓް މޯޓަމް ރިޕޯޓުން ދައްކަނީ އަތުހަރު މަރުވީ ދަންޖެހިގެންކަމަށް: ފުލުހުން

އާދަމް އަތްހަރު. ފޮޓޯ:ސޯޝަލް މީޑިއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ސެޕްޓެމްބަރު 2024، 08:03

18 ސެޕްޓެމްބަރު 2024، 08:03

އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އާދަމް އަތުހަރު މަރުވީ ދަންޖެހުމުގެ ސަބަބުން ކަމަށް އޭނާގެ ޕޯސްޓު މޯޓަމް ރިޕޯޓުން ދައްކާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި އަތުހަރު ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުއްޓާ އަމިއްލައަށް ދަންޖެހެން ކުރި މަސައްކަތަށް ފަހު ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އޭނަ މަރުވެފައިވަނީ މި މަހުގެ ދެވަނަ ދުވަހު އެވެ.

އަތުހަރު މަރުވި ގޮތް ބަލަން ފުލުހުން އޭނާގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ވަނީ ހަދައިފަ އެވެ.

އަތުހަރުގެ މަރުގެ ސަބަބަކީ ދަންޖެހުން ކަމަށް ޕޯސްމޯޓަމް ރިޕޯޓުން ދައްކާ ކަމަށް ފުލުހުން ހާމަކުރިނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. މިކަމުގެ ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ މިއީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައަކަށް ވުމެވެ.

އަތުހަރު ހައްޔަރުކުރީ އޭނާގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި ރަހީނުކޮށް ސައިކަލެއްގައި ދަނިކޮށް ފުލުހަކު އޭނާގެ ފަހަތުން ގޮސް މުގުރުން ހަމަލާދީ، ބިންމައްޗަށް ވައްޓާލުމަށް ފަހުގަ އެވެ.

ފުލުހުން މުގުރުން ޖެހުމުން އޭނާގެ ބޮލާއި މޫނަށް އަނިޔާ ވެފައި ވިޔަސް، ސްކޭންތަކާއި ޓެސްޓުތަކުން ސީރިއަސް އަނިޔާއެއް ފާހަގަނުވާ ކަމަށް ފުލުހުން ވަނީ ބުނެފައިވެ އެވެ. އޭނާ ޖަލަށް ގެންގޮސް ބަންދުކުރީ ވެސް ހޮސްޕިޓަލުން ދޫކޮށްލުމުން އެ ޒަހަމްތަކާ އެކުގަ އެވެ.

ދާޚިލީ ވަޒީރު އަލީ އިހުސާން ވަނީ ނޫސްވެރިންނާ އެކު، އިސްކަންދަރު ކޮށީގައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި އަތުހަރު ގޮޅީގައި ދަންޖެހޭތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ނޫސްވެރިންނަށް ދައްކާލައިފަ އެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އަތުހަރު ބަންދުކޮށްފައި ހުރި ގޮޅި ފެންނަ ހިސާބުގައި ފުލުހަކު ނެތެވެ. ނަމަވެސް، އެ ގޮޅި އެއްކޮށް ފެންނަ ގޮތަށް ކެމެރާ ހުރީ ހަރުކޮށްފަ އެވެ. އެ ކެމެރާގެ ފުޓޭޖުން ފެންނަ ގޮތުގައި އަތުހަރު އޮތް ގޮޅި އަށް ފުލުހުން ވަދެފައި ވަނީ އޭނާ ދަންޖެހުނުތާ ބައިގަޑިއެއްހާއިރު ފަހުންނެވެ.

އަތުހަރު ދަންޖެހުނު ގޮތާއި އެކަން ކުރި ގޮތް ސީސީޓީވީ ފުޓޭޖުން ވަރަށް ސާފުކޮށް ފެނެ އެވެ. އަތުހަރު އޮތް ގޮޅި އަށް ފުލުހުން ދިޔައިރު، އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco