ޚަބަރު
ހޫނު މޫސުމާއި ރަމަޟާން މަސް ދިމާވުމުން ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާން ސްޓެލްކޯއިން އިލްތިމާސްކޮށްފި

ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި ފޮޓޯ:ސްޓެލްކޯ
މިއަހަރުގެ ހޫނު މޫސުމާއި ރަމަޟާން މަސް ދިމާވުމާ ގުޅިގެން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކޮށް، ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތު ދެމުން ބުނީ، މިއަހަރުގެ ރަމަޟާން މަސް ދިމާވަނީ މާރޗް މަހާ ކަމަށާއި، މިއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ކަމަށެވެ. އަދި ރަމަޟާން މަހަކީ އާންމުކޮށްވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއް ކަމަށްވާތީ، މިއަހަރުގެ ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު އެހެން އަހަރުތަކަށް ވުރެ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ އެންމެ ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރި މިންވަރު 102 މެގަވޮޓަށް އަރާފައިވާއިރު، 2024 ވަނަ އަހަރު އެ އަދަދު 113 މެގަވޮޓަށް އިތުރުވެފައިވެއެވެ. އަދި މިއަހަރުގެ ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ މިންވަރު 124 މެގަވޮޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ. މިއީ ކުރީ އަހަރަށް ވުރެ 11 މެގަވޮޓްގެ އިތުރުވުމެކެވެ.
ކުރިއަށް އޮތް ރަމަޟާން މަހުގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ދެވޭކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި އިތުރު ޖަނަރޭޓަރު ސެޓްތައް ގެނައުމާއި އާންމުން ހޭލުންތެރިކުރުވުން ހިމެނެއެވެ. މާލެ ސަރަހައްދަށް އަލަށް 13 ޖަނަރޭޓަރު ސެޓް ގެނައުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ޖަނަރޭޓަރު ސެޓްތައް މިހާރު ވަނީ މާލެ ގެނެސްފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތަކުގެ ތެރޭގައި، އެތަނަކާ އެކަށީގެންނުވާ ވަރުގެ ހައި ވޯލްޓޭޖް ތަކެތި ބޭނުންނުކުރުމާއި، އޭސީ ފަދަ ތަކެތީގެ ޓެމްޕަރޭޗަރ އަބަދު ދަށްކޮށް މަތިނުކުރުމާއި، އޭސީ ޖައްސާފައި ހުންނައިރު ކުޑަދޮރު ފަދަ ތަންތަން ހުޅުވާފައި ނުބެހެއްޓުމާއި، ގަވާއިދުން އޭސީ ސަރވިސްކުރުން ހިމެނޭ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. އަދި ކަރަންޓު ބިލު ބޮޑުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އޭސީ ކަމަށްވާތީ، ކަރަންޓު ބިލު ކުޑަކުރަން ބޭނުންނަމަ އޭސީ ގަވާއިދުން ސަރވިސްކުރުމާއި އޭސީގެ ޓެމްޕަރޭޗަރ އަބަދުވެސް 25 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަކީ މުހިންމު ކަމެއްކަމަށް ސްޓެލްކޯއިން އިރުޝާދު ދީފައިވެއެވެ.
މީގެއިތުރުން، އިލެކްޓްރިކް ސާމާނު ގަތުމުގައި ހަކަތަރި ލޭބަލް ޖަހާފައިވާ ތަކެތި އިޚްތިޔާރުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފައިވެއެވެ. މިހާތަނަށް އައިއިރު އަލަމާރި، އެއަރކޮންޑިޝަން އަދި ދޮންނަ މެޝިންގެ ޖުމްލަ 71 މޮޑެލްގައި ހަކަތަރި ލޭބަލް ޖަހާފައިވާކަމަށް ބުނެ، މި ތަކެތި ބޭނުންކުރުމަށް ސްޓެލްކޯއިން އާންމުންނަށް ގޮވާލާފައިވެއެވެ.
ރާއްޖޭގެ ހަކަތަރި ޕްރޮގްރާމަކީ، ބާޒާރުގައި ލިބެންހުރި ކަރަންޓުން އޮޕަރޭޓުކުރާ ސާމާނު ގަންނައިރު، އޭގެއިން ހަކަތަ ސަމަކާރަކުރާ (އެފިޝަންޓް) މިންވަރު ފަސޭހައިން ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ސްޓެލްކޯއިން މި މަޢުލޫމާތު ހިއްސާކޮށްފައިވަނީ ކުރިއަށް އޮތް ހޫނު މޫސުމާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ. އަދި ކަރަންޓު ބޭނުންކުރުމުގައި ސަމާލުވެ، ކަރަންޓު ސަމަކާރަކޮށް ބޭނުންކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ކަރަންޓު ބިލު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށާއި، ޤައުމީ ފެންވަރުގައި ހަކަތަ ސަމަކާރަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.