Ads by Exprox

ޚަބަރު

މީހަކު ރަހީނުކޮށް އެމީހާގެ އިނގިއްޔެއް ބުރިކޮށްލި މައްސަލައާއި ގުޅިގެން ސިފައިންގެ ދެމީހަކު ހައްޔަރުކޮށްފި!

މީހަކު ރަހީނުކޮށް އެމީހާގެ އިނގިއްޔެއް ބުރިކޮށްލި މައްސަލައާއި ގުޅިގެން ސިފައިންގެ ދެމީހަކު ހައްޔަރުކޮށްފި!

ރަހީނުކުރުމުގެ މައްސަލާގައި ހިމެނޭ މީހުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ސެޕްޓެމްބަރު 2024، 08:06

18 ސެޕްޓެމްބަރު 2024، 08:06

މީހަކު ރަހީނުކޮށް އެމީހާގެ އިނގިއްޔެ ބުރިކޮށްލި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ސިފައިންގެ 2 މީހަކު ހިމެނޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ފުލުހުން މި މައްސަލާގެ ތަޙުޤީޤު ފެށީ އަނިޔާ ލިބުނު މީހާ ބޮޑެތި ޒަހަމްތަކަކާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމާ އެކު އެތަނުގެ ޑިއުޓީގައި ތިބި ފުލުހުންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެނެވެ. 

އަނިޔާ ލިބުނު 30 އަހަރުގެ މީހާއަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު ވާތު ލޮލަށް ވަރަށް ބޮޑަށް ލޭއަރާފައި ހުއްޓެވެ. އެމީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، މާރާމާރީ ހިންގިކަމުގެ ޒަހަމްތައް ހުއްޓެވެ. އަދި އޭނާގެ ވާތުގެ އިނގިއްޔެއްގެ ދެވަނަ ބަދައިން ފެށިގެން ތިރި ބުރިކޮށްލާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ކަނދޮޅުދޫ މެހުރާ، ޢަލީ ސާމީ ޢާދި، ގދ. ގައްދޫ ހުދުވެލި، އަޙްމަދު ސާއިފް ވަޙީދު، ތ. ތިމަރަފުށީ އުތުރުގެއާގޭ، މުޙައްމަދު ނަހުޝާން ހުސެއިން، ކ. މާފުށީ ފުލްމޫން، މުޙައްމަދު ނަފާހް އަދި ލ. ގަން ތުނޑީ އަވަށު ލިންކް، އަޙްމަދު ޒަޔާނެވެ.

މީގެ ތެރެއިން ނަފާހް އަދި ޒަޔާން އަކީ އެމްއެންޑީއެފްގެ ދެ އޮފިސަރުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދެން ތިބި މީހުންނަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް މީހުންނެވެ. ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު ނަފާހު ބަންދުކޮށްފައިވަނީ މައްސަލާގެ ތަޙުޤީޤު ނިމެންދެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މި މައްސަލާގައި އެމްއެންޑީއެފްގެ ދެ އޮފިސަރަކު ހިމެނޭތީ އެކަން އެމްއެންޑީއެފްއަށް އަންގާފައިވާނެ ކަމަށާއި އެ އޮޕިސަރުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

މި އަމަލު ހިންގުމުގައި 18 އަހަރު ނުފުރޭ ތިން ކުއްޖެއްގެ ބައިވެރިވުން ވެސް އެބަ އޮތް ކަމަށާއި އެކަން ވެސް ބަލަމުންދާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވި ގޮތުގައި ރަހީނުކުރި މީހާއަށް އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ނަމުގައި ކުއްޔަށް ނަގާފައިވާ ދެ އެޕާޓްމެންޓެއްގަ އެވެ. އެ މައްސަލާގެ ތުހުމަތު ކުރެވޭ މީހުންނަކީ އަނިޔާ ލިބުނު މީހާ މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއް ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

އެ އެޕާޓްމެންޓުން މަސްތުވާތަކެތި ބަންދުކުރާ ޕެކެޓްތަކާއި ކައްޓާއެއް ފެނިފައިވާއިރު، އެތަނުގައި އޮތް ވޮލެޓެއް ތެރެއިން މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި ބަނގުރާ ފުޅި ވެސް އެތަނުން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco