Ads by Exprox

ޚަބަރު

މާލީ ބަޣާވާތުގެ މައްސަލައިގައި އަދި އެއްވެސް މީހަކާ ސުވާލު ނުކުރަން: ފުލުހުން

މާލީ ބަޣާވާތުގެ މައްސަލައިގައި އަދި އެއްވެސް މީހަކާ ސުވާލު ނުކުރަން: ފުލުހުން

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު. ފޮޓޯ:ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ސެޕްޓެމްބަރު 2024، 08:09

18 ސެޕްޓެމްބަރު 2024، 08:09

ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގެންނަން އުޅުނު މާލީ ބަޣާވާތުގެ މައްސަލާގައި އަދި އެއްވެސް މީހަކާ ސުވާލު ނުކުރާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާއު ވިދާޅުވީ އެ މައްސަލައިގައި މިވަގުތު ކުރަމުންދާ މަސައްކަތަކީ ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން ކަމަށެވެ.

އަދި ޖިނާއީ ތަޙުޤީޤެއް ކުރެވޭ މިންވަރަށް ކަންކަން ފުރިހަމަވޭތޯ ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިހާތަނަކަށް އަޅުގަނޑުމެން އެއްވެސް ފަރާތަކާ ސުވާލުކޮށް ބަޔާން ނަގާފައެއް ނުވާނެ - ޝިފާއު ވިދާޅުވި އެވެ.

ފުލުހުން ކުރިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ބޭންކުން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް، ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ގޮތަށް ބޭންކުން އެ ނިންމުން ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ބައެއް ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ބޮޓް އެކައުންޓް ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނުކުތުމަށް ގޮވާލާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެއީ ސަރުކާރު ވައްޓާލަން އުޅުން ކަމަށް ބުނެ އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުޢާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލް އިން ނިންމީ ސަރުކާރުގެ ލަފައާ ޚިލާފަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް ސަރުކާރާއެކު ފަހުން ކުރި މަޝްވަރާތަކާއި އާންމުންގެ ފިއްތުންތަކާ ހެދި ބޭންކުން ވަނީ އެ ނިންމުން ބަދަލުކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރުން މުޢާމަލާތް ކުރެވޭ ގޮތަށް ބަދަލުކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ބޭންކު މެދުވެރިކޮށް ކުރަން އުޅުނީ މާލީ ބަޣާވާތެއް ކަމަށެވެ. ސަރުކާރުގެ ބައެއް ވަޒީރުން ބުނެފައިވަނީ އެކަމުގެ އަޑީގައި ތިބީ އިދިކޮޅު އެމްޑީޕީ ކަމަށެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco