ޚަބަރު
އެތައްސަތޭކަ ފަރާތަކުން ހޮޓެލިއާ މޯލްޑިވްސް އެވޯޑަށް ވާދަކުރަނީ
 
                    ހޮޓެލިއަރ މޯލަޑިވްސް ލޯގޯ
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން ފާހަގަކޮށް، އެފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ "ހޮޓެލިއާ މޯލްޑިވްސް އެވޯޑް 2025" އަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ހޮޓެލިއާ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.
މި އެވޯޑަށް ކުރިމަތިލުމަށް މިހާތަނަށް 450 އަށްވުރެ ގިނަ ފަރާތުން ނަން ހުށަހަޅާފައިވާކަމަށް ހޮޓެލިއާ މޯލްޑިވްސް އިން ބުނެފައިވެއެވެ. މިއީ މިދިޔަ އަހަރު މިއެވޯޑަށް ވާދަކުރި ފަރާތްތަކާ އަޅާބަލާއިރު 50 އިންސައްތައަށްވުރެ އިތުރު އަދަދެއްކަމަށާއި، މިއީ މިއެވޯޑުގެ ތާރީޚުގައި ވެސް އެންމެ ގިނަ ފަރާތްތަކެއް ވާދަކޮށްފައިވާ އަހަރުކަމުގައި ވެސް އެ ކުންފުނިން މަޢުލޫމާތުދެއްވައެވެ.
މި އަހަރުގެ އެވޯޑްގައި އަލަށް ހަތަރު ކެޓަގަރީއެއް ތަޢާރަފްކޮށްފައި ވާއިރު، މި ހަތަރު ކެޓަގަރީއަކީ ވޯޓަރ ސްޕޯޓްސް އަދި ޑައިވިންގްގެ އިތުރުން އެއަރޕޯޓް ރެޕްރެޒެންޓެޓިވް އަދި ރިސޯޓް މެނޭޖަރުގެ ކެޓަގަރީއެވެ. އިތުރުކުރެވުނު ކެޓަގަރީތަކަކީ ފަތުރުވެރިކަމުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އެދުމުގެ މަތިން އިތުރުކުރެވުނު ކެޓަގަރީތަކެއް ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ހަމަމިއާއެކު މި އެވޯޑުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި އޮންނަ ހިތްވަރާއި ފޯރި އިތުރުވެ، އެ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރެވި، ދާއިރާގެ ކުރިއެރުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށްވެސް ހޮޓެލިއާ މޯލްޑިވްސް އިން ބުނެއެވެ.
 
                 
                             
                                         
                 
                 
                                             
                                            