ސައިންސް / ދުނިޔެ
ދުނިޔޭގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ކެންގަރޫ އެމްބްރިއޯ އުފައްދައިފި

ދުނިޔޭގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް އުފެއްދި ކެންގަރޫ އެމްބްރިއޯ
އޮސްޓްރޭލިއާގެ ސައިންޓިސްޓުން ދުނިޔޭގައި ފުރަތަމަ ފަހަރަށް އިން ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް) މެދުވެރިކޮށް ކެންގަރޫ އެމްބްރިއޯއެއް އުފައްދައިފިއެވެ. މިއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ޖަނަވާރުތައް ސަލާމަތްކުރުމަށް އެހީތެރިވެދާނެ "ޒަމާނީ ކާމިޔާބީއެއް" ކަމުގައި އެ ސައިންޓިސްޓުން ބުނެފައިވެއެވެ.
ކުއީންސްލެންޑް ޔުނިވަރސިޓީގެ ސައިންޓިސްޓުން މި ދިރާސާގައި ފުރަތަމަ ކެންގަރޫގެ ބިސްތަކާއި ދަރިފަނި ލެބޯޓަރީގައި ތަރައްޤީވާ ގޮތް ދިރާސާކުރުމަށްފަހު، އިންޓްރަސައިޓޮޕްލާސްމިކް ސްޕަރމް އިންޖެކްޝަން ކިޔާ ޓެކްނިކެއް ބޭނުންކޮށްގެން ތަރައްޤީވެފައިވާ ބިހަކަށް ދަރިފަނި ފޯރުކުރުވައިގެން މި އެމްބްރިއޯ އުފައްދާފައިވެއެވެ.
މި ދިރާސާއަކީ އޮސްޓްރޭލިއާގެ ޖަނަވާރުތައް ރައްކާތެރިކުރުމުގެ މަސައްކަތަށް ވަރަށް މުހިންމު ކުރިއެރުމެކެވެ. އެއީ އޮސްޓްރޭލިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ޖަނަވާރު ނެތިދިޔަ ޤައުމުތަކުގެ ތެރެއިން އެއް ޤައުމު ކަމަށްވާތީއެވެ. އިންވޭސިވް ސްޕީޝީސް ކައުންސިލްގެ މަޢުލޫމާތު ދައްކާ ގޮތުގައި ޔޫރަޕުގެ މީހުން އޮސްޓްރޭލިއާއަށް އައި ފަހުން މަދުވެގެން 33 ބާވަތެއްގެ މެމަލް ނެތިގޮސްފައިވެއެވެ.
މި ދިރާސާގައި ބޭނުންކުރި އީސްޓަން ގްރޭ ކެންގަރޫ ނެތިދިއުމުގެ ބިރު ހީވެފައިވާ ޖަނަވާރެއް ނޫނެވެ. ނަމަވެސް އޮސްޓްރޭލިއާގެ ގިނަ މާރސުޕިއަލް ޖަނަވާރުތަކަކީ ނެތިދިއުމުގެ ބިރު ހީވެފައިވާ ޖަނަވާރުތަކެކެވެ. މީގެ ތެރޭގައި ކޮއާލާއާއި ޓަސްމޭނިއަން ޑެވިލް ހިމެނެއެވެ.
އޮސްޓްރޭލިއާ ސަރުކާރުން 2022 ވަނަ އަހަރު އިތުރު ޖަނަވާރު ނެތިދިއުން ހުއްޓުވުމަށް 10 އަހަރުގެ ޕްލޭނެއް އިޢުލާނުކޮށްފައިވެއެވެ. މީގެ ތެރޭގައި ޤައުމުގެ 30 އިންސައްތަ ބިން ރައްކާތެރިކުރުމާއި 110 ބާވަތުގެ ޖަނަވާރު ރައްކާތެރިކުރުން ހިމެނެއެވެ.
އޮސްޓްރޭލިއަން ކޮންޒަވޭޝަން ފައުންޑޭޝަންގެ 2023 ވަނަ އަހަރުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އޮސްޓްރޭލިއާގައި 2،200 އަށްވުރެ ގިނަ ބާވަތުގެ ޖަނަވާރާއި ގަސް އަދި އީކޯސިސްޓަމްތަކަކީ ނެތިދިއުމުގެ ބިރު ހީވެފައިވާ ތަކެތިކަމަށް ކަނޑައަޅާފައިވެއެވެ.