ޚަބަރު
ﷲ ތިބާ ދެކެ ލޯބިވެވޮޑިގެންފި ނަމަ، އެކަލާނގެ އުޑުތަކާއި ބިން ތިބާގެ ޚިދުމަތުގައި ލައްވާނެ: ހުކުރު ޚުތުބާ
އެމެރިކާގެ މިސްކިތެއްގައި މުސްލިމުންތަކެއް ނަމާދުކުރަނީ. ފޮޓޯ: އިންޓަރނެޓް
ﷲ އެކަލާންގެ އަޅުތަކުންގެ ތެރެއިން އަޅަކު ދެކެ ލޯބިވެވޮޑިގެންފިނަމަ، އެކަނލާނގެ އުޑުތަކާ ބިން ތިބާގެ ޚިދުމަތުގައި ލައްވާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
“އެންމެ މަންފާހުރި މީހާ” މިނަމުގައި މިއަދު އިއްވި ޚުތުބާގައި ބުނެފައިވަނީ ތިބާ މީސްތަކުންނަށް ފައިދާ ހުރި މީހަކަށް ވުމަށެވެ. އަދި އޭރުން ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވާނެ ކަމަށެވެ.
“ﷲ ތިބާ ދެކެ ލޯބިވެވޮޑިގެންފި ނަމަ، އެކަލާނގެ އުޑުތަކާއި ބިން ތިބާގެ ޚިދުމަތުގައި ލައްވާނެ، އެކަލާނގެ ތިބާގެ ކުރިމަތީގައި ރިޒްޤުގެ ޚަޒާނާތައް ހުޅުއްވައިދެއްވާނެ” ހުކުރު ޚުތުބާ
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ބަޔާން ކޮށްދެއްވައިފައިވަނީ، އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން އެއް ކަމަކީ މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމަށެވެ.
އެއީ މީހުންގެ ހިތްތައް ބާއްޖަވެރިކުރުން ކަމަށާއި، އެ މީހުންނަށް ހިނިތުންވުން ގެނެސްދިނުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެއީ އެމީހުން ހިތުގައިނުޖެއްސުން ކަމަށާއި، އެމީހުންގެ ކުރިމަތީގައި މޫނު ކުނިނުކުރުން ކަމުގައިވެސް ޚުތުބާގައި ބުނެފައިވެއެވެ.
“މި ކަމުގައި އެންމެ އިސްކަންދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށް، ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށް” ޚުތުބާގައި ބުނެފައިވެެއެވެ.
ޙަދީޘް ގައި ބަޔާން ކޮށްދެއްވައިފައިވާ ދެވަނަ ކަމަކީ، މުސްލިމް އަޚަކަށް ކުރިމަތިވާ މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެގޮތުން ދުނިޔެއާއި އާޚިރަތުގައި ތިބާއާ ކުރިމަތިވެދާނެ ބޮޑެތި މުޞީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުޞީބާތްތަކުން އެ މީހުން ނަޖާކޮށްދިނުމަށް މަސައްކަތްކުރުމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެހީއަށް އެދި އަތްދިއްކުރާ މީހުންނަށް ހަމްދަރުދީވުމަށާއި، އެ މީހުންގެ ކަރުނަތައްފުހެދިނުމަށް ޚުތުބާގައި ބުނެފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ފުޅުގައި ބަޔާންކުރައްވާ ތިންވަނަ ކަމަކީ މުސްލިމު އަޚާގެ ދަރަނި ފުއްދައިދިނުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ދަރަނި އަދާކުރުމަށްޓަކައި، އަތްމަތި ދަތި މީހާއަށް އިތުރު މުހުލަތު ދިނުމާއި، އޭނާގެ ދަރަނީން ބައެއް ކަނޑައިލައި ދިނުން، ނުވަތަ ދަރަނި އެއްކޮށް މާފުކުރުން މީގެ ތެރޭގައި ހިމެނޭ ކަމަށާއި، އަދި މި ކަމުގެ ސަވާބުގެ މަތިވެރިކަމާ މެދު ލޮބުވެތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވައި ބަޔާން ކުރައްވާ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
“މާތް ﷲގެ ޙަޟްރަތަށް ލޮބުވެތިވެގެންވާ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ހަތަރުވަނަ ކަމަކީ ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުން،. ދިވެހީންނަކީ މި ކަމުގައި ވަރަށް ނަމޫނާ ބައެއް، ހާރުދަމުގެ ވަގުތުގައި ގެއެއްގައި ތެލީގެފޫ ކަހައިލާ އަޑު އަވަށްޓެރިއަކަށް އިވޭ އިރަށް ކާބޯތަކެތި ހިފައިގެން، އެ ގެއަކަށް ދާ ވާހަކަ ތާރީޚުގެ ފަތްފުށްތަކުން ކިޔަމު، ލައިގެންކާނެ އެއްޗެއް ނެތް ގޭގޭގެ މީހުން ބޯތަށި ހިފައިގެން އަވަށްޓެރިޔާގެ ގެއަށް ދިޔުމުން އެ ބޯތަށްޓަށް، ލައިގެން ކާނޭ ތަކެތި އަޅައިދޭ ވާހަކަ އަހަރެމެން އަޑު އަހަމު” ޚުތުބާގައި ބުނެފައިވެއެވެ.
މުސްލިމަކު އޭނާގެ އަވަށްޓެރިޔާ ހައިހޫނުކަން މަތީގައި ވާކަން އެނގޭ އިރު، ބަނޑު ފުރައިގެން ހުންނަ މީހާއީ، ރަސޫލާ ޞައްލައްﷲ ޢަލައިލި ވަސައްލަމް އަށް ފުރިހަމައަށް އީމާންވާ މީހެއް ނޫން ކަމަށް ރަސޫލާ ޙަދީޘް ކުރައްވައިފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
ފަސް ވަނަ ކަމަކީ މީސްތަކުންގެ މުހުތާދުތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތް ކުރުން ކަމަށާއި އެއީ ނަބަވީ ޙަރަންފުޅުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ މާތް ކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ބަޔާން ކޮށްދީފައިވެއެވެ.