ޚަބަރު
މަސްވެރިކަމުގެ ސިނާޢަތަށް މާލީ އެހީހޯދުމަށް ވޯލްޑް ބޭންކާއި އެކު މަޝްވަރާކުރަނީ!
މަސްވެރިކަމާ ބެހޭ ވުޒާރާއާ ވޯލްޑް ބޭންކާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ:ވުޒާރާ
ދިވެހި މަސްވެެރިކަމުގެ ސިނާޢަތަށް މާލީ އެހީތެރިކަން ހޯދުމަށް ވޯލްޑް ބޭންކާއި އެކު މަޝްވަރާކުރުމަށް އެބޭންކުގެ ޚާއްޞަ ވަފުދެއް ނޮވެންބަރު މަހުގެ ތެރޭގައި ރާއްޖެއަންނާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެވުޒާރާއިން މިކަން ހާމަކޮށްފައިވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އެހީތެރިކަން ހޯދުމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކާއި އެކު މުހިންމު މަޝްވަރާ ތަކެއް ކުރައްވަމުންގެންދަވާ ދަނޑިވަޅެއްގައެވެ.
އެގޮތުން މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ބެހޭގޮތުން މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް ވަނީ ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ތިމާވެށި، ޤުދުރަތީ ވަޞީލަތްތައް އަދި ނޫ އިޤްތިޞާދުގެ ޕްރެކްޓިސް މެނޭޖަރ މިސް އޭން ޖީނެޓް ގްލޯބަރއާ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ވޯލްޑް ބޭންކުން ފަންޑުކޮށްގެން އެ ވުޒާރާއިން ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައި ކަމަށް އެވުޒާރައިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި، މިފްކޯއަށް ގަންނަ މަހުގެ %65 އަކީ ރާއްޖެއިން އެކްސްޕޯޓް ކުރާ ރޯ މަސްކަމަށާއި، ސަރުކާރުގެ އަމާޒަކީ މަސް ޕްރޮސެސްކޮށް މި ޢަދަދު މަދުކުރުން ކަމަށް ވަޒީރު ޝިޔާމް ވަނީ ވިދާޅުވެފައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިންއިތުރަށް ބުނެފައިވަނީ ވޯލްޑް ބޭންކުން ތިމާވެށީގެ ދާއިރާއިންނާއި، އަންހެނުން ބާރުވެރިކުރުވުމާއި އަދި އެހެނިހެން ދާއިރާތަކުން ކުރާ މަސްވެރިކަމާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތަކަށް ފައިނޭންސް ލިބޭނެ ގޮތްތައް އެބަހުރިކަމަށެވެ.
އެގޮތުން އެ ވުޒާރާއާ ގުޅިގެން މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލުމަށް ވޯލްޑް ބޭންކުގެ ޓީމެއް ރާއްޖެ އަންނާނެކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބާއްވަމުންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް އިފާޑުއާއެކުވެސް ވަނީ ބައްދަލުކޮށްފައެވެ.