ޚަބަރު
އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ހުރިހާ އަތޮޅަކުން މިދައުރުގައި ދޭނަން: ވަޒީރު އާދަމް ޝަރީފް
ސިޓީތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު. ފޮޓޯ: ވުޒާރާ
އައިޑީކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ މިދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ދޭނެ ކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިިދާޅުވެފައިވަނީ އައިޑީ ކާޑާއި ޕާސްޕޯޓް ހެދުންފަދަ މާލޭގައި ދެމުންދާ ބައެއް ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތުން ދެއްވާނެ ކަމަށް ރައީސް ޑރ މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު އެމަނިކުފާނު ދަނީ ފުއްދަވަމުންކަމަށެވެ.
އެގޮތުން ގއ. ވިލިގިނލީގައި އައިޑީކާޑު ހެދުމުގެ ޚިދުމަތް ފެށުމަކީ އެކަމުގެ ހެއްކެއް ކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ. “މަރުކަޒު ކުރެވިފައިވާ މިފަދަ ޚިދުމަތްތައް ކައުންސިލްތަކުން ހިންގޭނެ ނިޒާމެއް ޤާއިމް ކުރުމަކީ ރައީސް ޑރ މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލްތައް ބާރުވެރިކުރެވޭނެ ކަމުގެ ހެއްކެއް، ރާއްޖޭގެ ހުރިހައި އަތޮޅުތަކުން އައިޑީކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ ޚިދުމަތް ރައީސް ޑރ މުޢިއްޒުގެ މިދައުރުގައި ފެށޭނެ” ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެފައިވެއެވެ.
ގއ. ވިލިގިނލީގައި އައިޑީކާޑު ހެދުމާއި ދޫކުރުމުގެ ޚިދުމަތް ފަށައިފައިވަނީ އިއްޔެއެވެ.