ޚަބަރު
ރޯދައިގެ ކުރިން ރަސްފަންނު މަރާމާތުކުރަނީ

ރަސްފަންނު ސަރަޙައްދު---
ރޯދަމަސް އައުމުގެ ކުރިން ރަސްފަންނު މަރާމާތުކުރަން ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މަރާމާތުގެ މި މަސައްކަތަށް މި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރަސްފަންނު ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ނިމޭނެކަމަށް މިނިސްޓްރީން ހާމަކޮށްފައިވަނީ މި މަހުގެ ފަހު ދުވަހެވެ. އެހެންކަމުން، މިނިސްޓްރީގެ ރޭވުމާ އެއްގޮތަށް މަސައްކަތް ކުރިޔަށްގޮސްފިނަމަ، ރޯދައިގެ ކުރިޔަށް ރަސްފަންނުގެ މަސައްކަތް ނިންމޭނެއެވެ.
ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް 22 ފެބްރުވަރީ 2025 އިން 28 ފެބްރުވަރީ 2025 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރަސްފަންނު ސަރަޙައްދު ބަންދުކުރެވޭކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
މިނިސްޓްރީން ކުރި އިޢުލާނުގައި ވެއެވެ.
މީގެ އިތުރުން، ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ މަރާމާތުގެ މަސަކަތެއް ވެސް މާލޭ ސިޓީ ކައުންސިލުން އަންނަނީ ކުރިޔަށް ގެންދަމުންނެވެ. އެ ކައުންސިލުން ކުރިޔަށްގެންދަނީ، އެ ސަރަޙައްދުގެ 500 އަކަމީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިގެން، މޫދަށް އެރޭ ސަރަޙައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތެވެ.
މާލޭގައި އޮންނަ ރަސްފަންނުފަދަ ތަންތަނަކީ، ޙާއްސަކޮށް ރޯދަމަހުގެ ހަވީރާއި ރޭގަނޑު ގިނަ ބަޔަކު ޒިޔާރަތްކުރާ ތަންތަނެވެ.
ނަމަވެސް ރަސްފަންނުގެ މަރާމާތުތައް ކުރިޔަށް ގެންގޮސްފައި ނެތުމުގެ ސަބަނުން، އެތަން ވީރާނާވަމުން ދާތީ ގިނަ ބަޔަކު މި ފަހަކުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އަދި މިދިޔަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްފަންނަށް ވަޑައިގެން އެ ތަނުގެ ހާލަތު ބައްލަވައި، އެ ތަން ވީރާނާ ވެގެން ދާތީ އެކަމަށް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.