ޚަބަރު
ރައީސް މުޢިއްޒު ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފައްޓަވައިފިއެވެ. މި ދަތުރުފުޅަކީ ރައްޔިތުންގެ ހާލު ބެއްލެވުމަށާއި، ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖައްސަވާފައެވެ. މީގެ އިތުރުން، ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ފައްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައި ދެފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މިހާތަނަށް އެމަނިކުފާނު ވަނީ އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާވެސް ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ އަރިހުގައި މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ އަނބުރާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.