ޚަބަރު
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ބިލެއް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު---
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް މެންބަރުންނަށް މަދުކުރުމަށް، ހޮޅުދޫ ދާއިރާގެ މެމްބަރު ޢަބްދުއްސައްތާރު މުޙައްމަދު، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.
ޢަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ، ކޯޓުތަކާ ބެހޭ ޤާނޫނަށް އިސްލާޙު ގެނަސް، ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށެވެ. އެގޮތުން އުއްތަމަ ފަނޑިޔާރާއި އެ ކޯޓަށް އައްޔަންކުރާ އިތުރު ހަ ފަނޑިޔާރުންނާއެކު ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށް ސްޕްރީމް ކޯޓުގެ ބެންޗު އެކުލެވެންޖެހޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުން ބަދަލުކޮށް، މި އަދަދު އުއްތަމަފަނޑިޔާރާއެކު ޖުމްލަ ފަސް ފަނޑިޔާރުންގެ މައްޗަށް ބަދަލުކުރުމަށް އައު ބިލުގައި ހުށަހަޅާފައިވެއެވެ.
އަދި އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން އަންނަ ބަދަލާއެކު، ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ.
އެ އިސްލާހުގައި އިތުރަށްވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ޤާބިލުނޫންކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ޤަބޫލުކުރެވިގެން، އެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަށް ބިލެއް ހުށަހަޅާފައިމިވާ ދަނޑިވަޅަކީ ޤާނޫނުއަސާސީއަށް ގެނައި އިސްލާޙުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސައްޙަނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފާއިވާ މައްސަލައިގައި ސުޕްރީމް ކޯޓުގައި ވަނީ އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައެވެ.