ޚަބަރު
މި ހަފްތާގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މޫސުން ރަނގަޅުވާނެ: މެޓް އޮފީސް
 
                    ވިއްސާރަ ދުވަހަކު މާލޭގެ ތެރެއިން/ފޮޓޯ: ސަން އޮންލައިން
މި ހަފްތާގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން  ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުމަށް ބަލާއިރު މުޅި ރާއްޖެއަށް މޫސުން ރަނގަޅުވާނެ ކަަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެ، ވައިވެސް މަޑުވާނެކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، ފާއިތުވެ ދިޔަ ދުވަސްތަކުގައި ރާއްޖެއަށް ބޯކޮށް ވާރޭވެހުނު ގޮތަށް ނުވެހޭނެކަމަށް އެ އޮފީހުން ވިދާޅުވެއެވެ. މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށްފައި ބަލާއިރު  ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 2-4 ފޓު ހުންނާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
ނިމިދިޔަ ހަފްތާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވަނީ ބޯކޮށް ވާރޭވެހިފަ އެވެ. އަދި ވިއްސާރާގައި މާލެ ސަރަޙައްދާއި އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި ފެންބޮޑުވެ ގިނަ ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ.
 
                 
                             
                                         
                 
                 
                                             
                                            