ޚަބަރު
12 އަހަރު ކުރިން ކުރި މަރުގެ ޙުކުމެއް އަލުން ބަލަނީ!
މަރުގެ ޙުކުމް އިއްވައިފައިވާ ސަމާޙް.
12 އަހަރުން ކުރިން ކްރިމިނަލް ކޯޓުން ކުރި މަރުގެ ޙުކުމެއް އަލުން ބެލުމަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.
މިމައްސަލައަކީ މީގެ 12 އަހަރުކުރިން ކ.ތުލުސްދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ކ. ކާށިދޫ، ސުވާސާގެ މުޙައްމަދު ސަމާޙްގެ މައްޗަށް ކޮށްފައިވާ ޙުކުމުގެ މައްސަލައެވެ.
މިކަން ހިނގި ގޮތް ކަމަށް ސްޕްރީމް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެެ ރިޕޯޓުގައި ބުނެފައިވަނީ ސަމާޙް ގޭބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ ޙުކުމެއްގެ މުއްދަތުގެ ތެރޭގައި ގެއިން ބޭރަށް ނުކުމެ އުޅުނު މައްސަލައެއްގައި، ސަމާޙް ދިރިއުޅޭ ގެއަށް ގޮސް، ޕޮލިސް ކޮންސްޓަބަލް އާދަމް ޙަލީމް، 23 ޖުލައި 2012 ވަނަ ރޭ ދަންވަރު 12 ޖަހާ އެހާއިރު އެރަށު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެންގުމުން އެކަމާ ހިތް ހަމަ ނުޖެހި ސަމާޙު ހިންގި ހަމަނުޖެހުމެއްގެ ތެރޭގައި ޕޮލިސް ކޮންސްޓަބަލް ޙަލީމް އަށް ވަޅިން ހަމަލާދިނުމެވެ.
ކޮންސްޓަބަލް އާދަމް ޙަލީމް ނިޔާވެފައިވަނީ ސަމާޙް ދިން ހަމަލާގެ ސަބަބުން ފަރުވާ ހޯދަމުން ދަނިކޮށެވެ.
މިމައްސަލާގައި ސަމާޙްގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ޕީޖީގެ ފަރާތުން އުފުލިއެވެ. ޕީޖީގެ ދައުވާގައި ބުނެފައިވަނީ ސަމާޙް އޭނާގެ ކުށަށް އިޢްތިރާފު ވެފައިވާކަމަށެވެ.
ނަމަވެސް 12 ނޮވެމްބަރު 2012 ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ސަމާޙް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ކުރިން އޭނާ ކުށަށް އިޢްތިރާފު ވީ ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ ފުލުހުން ބިރުދެއްކުމެވެ.
މިމައްސަލަ މިއަދު ސްޕްރީމް ކޯޓުގައި ސަމާޙްގެ ފަރާތުން އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޙުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވީ މީހަކު ކުށަކަށް އެއްބަސް ވިޔަސް، އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމޭނީ އެ މީހަކު ދައްކާ ވާހަކަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ.
އަދި ހައްދުގެ މައްސަލަތަކުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވެސް އެގޮތަށް ޢަމަލު ކުރެއްވި ކަމަށް ފަނޑިޔާރު ސުޢޫދު ވިދާޅުވި އެވެ.
ނަމަވެސް ސަމާޙް އޭނާގެ ކުށަށް އިޢްތިރާފުވެ، ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް ހަމަލާދިނީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ބުނެފައިވާ ކަމަށް ސްޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ.
މީގެއިތުރުން ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުގައި ގަސްތުގައި މީހަކު މެރި ކަމަށް ސަމާޙް އިންކާރު ނުކުރާކަމަށާއި، އޭނާގެ މައްޗަށް ޕްރޮސެކިއުޝަނުން ދައުވާ ކޮށްފައިވާ ކުށް ކަމަށް ވާ ގަސްތު މަރުގެ ކުށަށް އެ ބަޔާނުގައި އިންކާރު ކޮށްފައިވާ ކަމަށް ސްޕްރީމް ކޯޓުގެ ޙުކުމް އިއްވަވަމުން ފަނޑިޔާރު ސުޢޫދު ވިދާޅުވެފައިވެއެވެ.
ސަމާޙުގެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ޙުކުމް އިއްވަވަމުން ފަނޑިޔާރު ސުޢޫދު ވިދާޅުވީ ސަމާޙް ދަށު ކޯޓުގައި ކުށަށް އިޢްތިރާފްވުމުން އޭނާއާ ދެކޮޅަށް އިތުރު އެއްވެސް ހެއްކެއް ހޯދުމަށް ފުލުހުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
އަދި އެ އިޢްތިރާފް ސަމާޙް ފަހުން އަނބުރާ ގެންގޮސްފައި ވާއިރު، އެއަށް ބާރު ދޭނެ އިތުރު އެއްވެސް ހެއްކެއް ނެތް ކަމަށާއި އެހެންވެ، މި ޙާލަތުގައި އޭނާގެ އިޢްތިރާފްގެ ބަޔާން ބައިބައިކޮށްގެން ކުށް ސާބިތުވާނެ ކަމަށް ނުނިންމޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންކަމުން ސަމާޙް އެއްބަސްވީ ބިރު ދައްކައިގެން ކަމަށް އޭނާ ބުނުމާއި އަދި ސަމާޙް ވެފައިވާ އިޢްތިރާފްގެ ބޭރުން އިތުރު ހެއްކެއް އޮތްތޯ ބެލުމަށް ފަހު އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް މަައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ޙުކުމް އިއްވަވައިފައެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުޢުދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޢައިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތުގެ ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.
ރާއްޖޭގައި 1953 ވަނަ އަހަރުގެ ފަހުން އެއްވެސް މީހެއްގެ މަރުގެ ޙުކުމް ތަންފީޒު ކޮށްފައެއް ނުވެ އެވެ.