ރަހަފަތް
މަޝްރޫމް އެންޑް ޗިކްޕީސް ޝަވަރުމާ އަޅެ ތަޖުރިބާ ކޮށްލަބަލަ

މަޝްރޫމް އެންޑް ޗިކްޕީސް ޝަވަރުމާ
ޝަވަރުމާއަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު، ތަފާތު ފްލޭވާތަކާއެކު ވައިގައި ހިފާފައިވާ ކެއުމެކެވެ. މި ކެއުމަކީ، ސިއްޙަތަށް ފައިދާ ހުރި ކާނާ ކާންބޭނުންވާ ބޭފުޅުންނަށް، ވަރަށް ގިނަ ގޮތްގޮތަށް ތައްޔާރުކުރެވިދާނެ ކެއުމެއްވެސް މެއެވެ. މިގޮތުން، ޗިކްޕީސް އާއި މަޝްރޫމަކީ ސިއްޙަތަށް ފައިދާ ހުރި ޝަވަރުމާއެއް އެންމެ މީރުކޮށް ހަދާލުމަށް ބޭނުން ވާނެ ތަކެއްޗެވެ.
ބޭނުންވާ ތަކެތި:
- 2 މޭޒުމަތީ ސަމްސާ ޒައިތޫނި ތެޔޮ
- 1 ޖޯޑު މަޝްރޫމް
- 1/2 ޖޯޑު ފިޔާ (ކުދިކޮށް ކޮށާފައި)
- 1 ސައި ސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފައި)
- 2 ޓޮމާޓޯ (ފޮތިކޮށްފައި)
- 1/2 ޖޯޑު ޗިކްޕީސް
- 1/2 ޖޯޑު ލީކްސް
- 1 މޭޒުމަތީ ސަމުސާ ގިތެޔޮ މިރުސް
- ތައުސަންޑް އައިލެންޑް ސޯސް
- ޗިލީ ސޯސް
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ، ޒައިތޫނި ތެޔޮފޮދު ތަވާ މަތީގައި ހޫނުކޮށްލައި، ހޫނުވެލީމާ ކޮށާފައި ހުރި ފިޔާކޮޅާއި ލޮނުމެދުކޮޅު އަޅައިލާ ތެޔޮފޮދު ތެރޭގައި މިލުވާލާށެވެ. ފިޔާކޮޅު މީރުވުމުން ކެޕްސިކަމް ، ލީކްސް ، އަދި ކުޅި ރަހަ އެބޭފުޅަކަށް ކަމުދާ މިންވަރަކަށް ކޮށާފައިހުރި ގިތެޔޮ މިރުސް އަޅައިލާށެވެ. ފިޔާގަނޑު ދެމިނެޓެއްވަރު ވަންދެން އުނދުން މަތީ މީރުކޮށްލުމަށްފަހު، މަޝްރޫމްކޮޅު ފޮތިކޮށްލައި، ފިޔާގަނޑާ އެއްކޮށްލާށެވެ. މަޝްރޫމްތައް ރޯސްޓުވަންދެން ކައްކާލުމަށް ސަމާލުކަން ދޭންވާނެއެވެ. މަޝްރޫމްތައް ރަނގަޅަށް ރޯސްޓުވުމުން، ޗިކްޕީސް ކޮޅު އަޅައިލާ، ރަހަ ހެޔޮވަރުވާ ވަރަށް ލޮނާއި އަސޭމިރުސް އަޅައިލާ އެއްކޮށްލާށެވެ.
ޝަވަރުމާ ރެޕްކުރުމަށް ޓޯޓިލާ ރޮށި ބޭނުންކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. ޓޯޓިލާ ރޮށި މައްޗަށް ތައްޔާރުކުރި މަޝްރޫމް އެންޑް ޗިކް ޕީސް މިކްސް އަޅާލުމަށް ފަހު، އޭގެ މައްޗަށް ތައުސަންޑް އައިލެންޑް ސޯސް އާއި، ޗިލީ ސޯސް، އަދި ބޭނުންފުޅުވާނަމަ، އިތުރު ހޯމްމޭޑް ސޯސްތައް ވެސް އެޅިދާނެއެވެ. ދެން، ޝަވަރުމާ ރޯލްކުރާގޮތަށް ރީތިކޮށް ޓޯޓިލާ ރޮށި ރޯލްކޮށްލާށެވެ.
ނިންމާލުމުގެ ކުރިން، ރޯލްކޮށްފައިވާ ޝަވަރުމާތައް ޒައިތޫނި ތެޔޮފޮދެއްގައި ގްރިލްކޮށްލާށެވެ. ރީތިކޮށް މުރަނަ ވާވަރަށް ގްރިލްކޮއްލުމަށްފަހު ސޯސްއާ ޖަހާލައިގެން ކައިލަން، ސިއްޙަތަށް ބެލިޔަސް، ރަހަޔަށް ބެލިޔަސް ހަމަ މިވަރެއް ނެތެވެ.