ދުނިޔެ
ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް ޝައުޤުވެރިކަން ފާޅުކޮށްފި

ގްރީންލޭންޑް ފޮޓޯ:އިންޓަނެޓް
ގްރީންލަންޑަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ހަދަން ބޭނުންވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ކޮންގްރެސްގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެއްޖެއެވެ.
ޑެންމާކުގެ އަމިއްލަވެރިކަމެއްގެ ދަށުގައިވާ ގްރީންލަންޑަކީ ސަލާމަތީ ގޮތުން ވަރަށް މުހިންމު، އާބާދީ ކުޑަ، ބޮޑު ސަރަހައްދެއްކަމަށް ފާހަގަކުރައްވަމުން، އެ ޤައުމުގެ ރައްޔިތުންނަށް ފުދުންތެރިކަމާއި ރައްކާތެރިކަން ގެނެސްދޭނެކަމުގެ ޔަޤީންކަން ޓްރަމްޕް ދެއްވިއެވެ.
ގްރީންލަންޑްގެ ރައްޔިތުންނަށް އަޅުގަނޑުމެން ރައްކާތެރިކަން ފޯރުކޮށްދޭނަން. މުއްސަނދިކަން ގެނެސްދޭނަން. އަދި އެކުގައި، ގްރީންލަންޑް ކުރިއަރުވާނަން
ޓްރަމްޕް
ނަމަވެސް، ގްރީންލަންޑްގެ ގިނަ ރައްޔިތުން އެމެރިކާއާ ގުޅުމާމެދު ދެކޮޅު ހަދާކަން ހޯދުންތަކުން ދައްކައެވެ. އެހެންނަމަވެސް ޑެންމާކުގެ ބާރުގެ ދަށުން ވަކިވެ، މިނިވަންވުމަށް ގިނަ ރައްޔިތުން ތާއީދުކުރެއެވެ.
ގްރީންލަންޑްގެ ޖިއޯޕޮލިޓިކަލް މުހިންމުކަމާއި މަޢުދަނީ ވަސީލަތްތަކުގެ ސަބަބުން އެމެރިކާއަށް ފައިދާތަކެއް ކުރާނެކަމަށް ބެލެވެއެވެ. އަދި ޔޫރަޕާއި އެމެރިކާ ގުޅުވައިދޭ އެންމެ ކުރު މަގުމަތީގައި އޮތުމުން، އެމެރިކާގެ މިސައިލް ޑިފެންސް ސިސްޓަމަށްވެސް މުހިންމު ސަރަހައްދެކެވެ.
ޑެންމާކުގެ ޔޫއެން އެމްބެސެޑަރ ކްރިސްޓީނާ މާކަސް ލާސެން ވިދާޅުވި ގޮތުގައި ގްރީންލަންޑްގެ މުސްތަޤުބަލު ނިންމާނީ އެޤައުމުގެ ރައްޔިތުންނެވެ. އަދި މިނިވަންވުމުގެ ޙައްޤު އެބައޮތެވެ.