ރަހަފަތް
މިހާރު ބެންކޮކަށް ނުދިޔަސް ގޭގެ ބަދިގެތަކުގައި ތައި ރައިސް އެއް ކާލެވޭނެ

ަތައި ޗިކެން ރައިސް ވިތް ޕައިންއެޕަލް
ތައި ޗިކެން ރައިސް ވިތް ޕައިންއެޕަލް
ޕައިނެޕަލް އޮން ޕިއްޒާ ކަމުދޭތޯއެވެ؟ މި އޮތީ މި ކޮންބޯ ކަމުދާ ފަރާތްތަކަށް ވެސް ކަމުނުދާ ފަރާތްތަކަށް ވެސް ކަމުދާނެ އަލަނާސި އެކުލެވޭ، ތަފާތު ޑިޝްއެކެވެ.
ބޭނުންވާ ތަކެތި:
- 2 ޖޯޑު ބާސްމަތީ ރައިސް
- 4 ޗެރީ ޓޮމާޓޯ (މެދުން ފަޅާފަ)
- 2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
- 1 ފިޔާ (ބޮޑު)
- 4 ލޮނުމެދު (ކޮށާފަ)
- 2 ތޮޅި މިރުސް
- ލީކްސް (3 އިންޗި، ދިގުކޮށް ކޮށާފަ)
- ކެރެޓް (3 އިންޗި، ދިގުކޮށް ކޮށާފަ)
- 3-4 ލައިމް ލީފް
- 1 މޭޒުމަތީ ސަމްސާ ކޮރިއެންޑަރ (ކޮށާފަ)
- 2 ފޮތި އަލަނާސި (ކުދިކޮށް ކޮށާފަ)
- 1 ބޯންލެސް ޗިކަން ބްރެސްޓް
- ލެމަން ގްރާސް (6 އިންޗި)
- 3 މޭޒުމަތީ ސަމްސާ ފިޝް ސޯސް
- 1 ސައި ސަމުސާ ސޯޔާ ސޯސް (އޮޕްޝަނަލް)
- 1 ސައި ސަމުސާ ޗިލީ ސޯސް (އޮޕްޝަނަލް)
- ލޮނު (ރަހަ ހެޔޮވަރުވާ ވަރަށް)
- އަސޭމިރުސް (ރަހަ ހެޔޮވަރުވާ ވަރަށް)
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ، ޒައިތޫނި ތެޔޮފޮދު ތަވާ މަތީގައި ހޫނުކޮށްލައި، ހޫނުވެލީމައި ކޮށާފައި ހުރި ފިޔާ، މިރުސް، ލޮނުމެދު، އަދި ލައިމް ލީފް އަޅައި ފިޔާ މީރުކޮށްލާށެވެ. އެއަށްފަހު، ފިޔާކޮޅު ވަޅޯވާން ފެށުމުން، ކުކުޅު ބޮޑެތިކޮށް ކޮށާލާ، މީރުވަމުންދާ ފިޔާކޮޅާ އެއްކޮށްލާށެވެ. ފިޔާކޮޅާއެކު ކުކުޅުކޮޅު މިނެޓެއްހާއިރު މީރުކޮށްލުމަށްފަހު، ލެމަން ގްރާސްކޮޅު، ލީކްސްކޮޅު، ކެރެޓު ކޮޅު އަދި ކޮރިއެންޑަރ ލީފްކޮޅު އަޅައިލާ އެއްކޮށްލާށެވެ. ދެން، ރަނގަޅަށް ކެރެޓުކޮޅުތައް މަޑުވަންދެން ކައްކާލުމަށްފަހު ޓޮމާޓޯ ކޮޅުއަޅާލައި، ލޮނާއި އަސޭމިރުސް ވެސް އަޅައިލާ ރަހަހެޔޮވަރުކޮށްލާށެވެ.
މަސްގަނޑު ތައްޔާރުވުމުން، މަސްގަނޑަށް ފިޝް ސޯސް އަޅައިލުމަކީ، ކެއުމުގެ ރަހަށް އިތުރަށް ފުރިހަމަކޮށްލުމަށް ވަރަށް ރަނގަޅު އުކުޅެކެވެ. ފިޝް ސޯސް އެޅުމަށްފަހު، އެބޭފުޅަކަށް ކަމުދާ މިންވަރަކަށް ޗިލީ ސޯސް، ސޯޔާ ސޯސް އަދި ބޭނުންނަމަ ޗިލީ ޕޭސްޓުކޮޅެއް ވެސް އަޅާލެވިދާނެއެވެ. ދެން، އަލަނާސިކޮޅު އަޅައިލާ އެއްކޮށްލުމަށް ފަހު އުނދުން ނިވާލާށެވެ.
ކައްކާފަ ހުރި ބާސްމަތީ ހަނޑޫ މި މަސްގަނޑަށް އަޅާލައި އެއްކޮށްލުމުން، އެ ތައްޔާރުކުރެވުނީ، ރޯދަމަހާ ގުޅޭ، ޕްރޮޓީން ރިޗް، ރަހަމީރު ޑިޝްއެކެވެ.