ޚަބަރު
ވިއްސާރަ އަލިވުމާއެކު، މާލެ ސަރަޙައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއްޖެ

ވިއްސާރަ އަލިވުމާއެކު، ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައި---
ހުލާސާ
އެންމެ ޕީކް ގަޑީގައި 92.3 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވޭ.
ވިއްސާރަ އަލިވުމާއެކު، މާލެ ސަރަޙައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
އެގޮތުން ހޯމަ ދުވަހުން ފެށިގެން ކަރަންޓުގެ ލޯޑު އިތުރުވެފައިވާއިރު، އިއްޔެގެ އިރު އޮއްސުމާ ގާތްކޮށް، ކަރަންޓު ބޭނުންކޮށްފައިވާ މިންވަރު ވަނީ 92.3 މެގަވޮޓަށް އަރާފައެވެ.
ރަމަޟާން މަސް ފެށުނުއިރު ވިއްސާރަވުމާ ގުޅިގެން ޖައްވު ފިނިވުމުން، ކަރަންޓު ބޭނުންކުރާ މިންވަރު ހުރީ އާދައިގެ ވަރެއްގައެވެ. ނަމަވެސް ވިއްސާރަ އަލިވުމާއެކު، އެ އަދަދުތައް މިވަނީ މައްޗަށް ޖެހެން ފަށާފައެވެ. ސްޓެލްކޯއިން އަންދާޒާކުރާ ގޮތުގައި، ކުރިޔަށް އޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު ދާނީ އިތުރުވަމުންނެވެ.
މޫސުން ރަނގަޅުވުމާއެކު، ރޯދަމަހު ފުރަތަމަ ފަހަރަށް މިވަނީ މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު 92 މެގަވޮޓް ފަހަނާޅާފައި. ކުރިއަށްއޮތް ދުވަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ. އެހެން ކަމުން ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް އިލްތިމާސްކުރަން.
ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ޙިއްސާކުރި ޕޯސްޓުގައި ވެއެވެ.
ސްޓެލްކޯއިން ޙިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މާލޭ ސަރަޙައްދުގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރު އިއްޔެ އެންމެ އިތުރުވެފައިވަނީ ހަވީރެވެ. އެގޮތުން 4:00 ގައި 92.3 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާއިރު، މި އަދަދު 5:00 ގައި ކުޑަކޮށް ދަށްވެލުމަށްފަހު (91.7 މެގަވޮޓް)، އަނެއްކާވެސް 6:00ގައި ވަނީ ޕީކަށް އަރާފައެވެ. އެގޮތުން އެހާއިރު 92.3 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވެއެވެ.

ރަމަޟާން މަހުގެ 4ވަނަ ދުވަހު މާލޭ ސަރަަޙައްދުގެ ކަރަންޓުގެ ލޯޑު ފެންނަ ޗާޓު
އަދި މެންދުރާއި ރޭގަނޑުގެ ވަގުތުގައި އެވަރެޖްކޮށް ކަރަންޓު ބޭނުންކުރި މިންވަރު އުޅެނީ 80 މެގަވޮޓުން މަތީގައެވެ. އެހެންކަމުން ކަރަންޓު އިޤްތުޞާދުކޮށް، ކަރަންޓުގެ އިސްރާފު ވީހާވެސް ކުޑަކުރުމަށް ސަމާލުވުމަށް ސްޓެލްކޯއިން ވަނީ އިރުޝާދު ދެއްވާފައެވެ.
ރަމަޟާން މަހު ކަރަންޓުން %10ގެ ޑިސްކައުންޓު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވުމާ ގުޅިގެން، މި ޑިސްކައުންޓު އެއް ބިލެއްގައި ހިމަނައި، ކަރަންޓު ބިލަށް އަންނަ ބަދަލު ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަށް ސްޓެލްކޯއިން ވަނީ މުޅި ރަމަޟާން މަހަށް ވަކިން ބިލް އަންނަގޮތަށް ރީޑިން ނަގާ ތާރީޚް ހަމަޖައްސާފައެވެ. އެގޮތުން ދެން ލިބޭ ބިލެއްގައި ހިމެނޭނީ މި މަހުގެ 1 އިން 31 އަށް ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލައި ތައްޔާރުކޮށްފައިވާ ބިލެވެ.