ޚަބަރު
ވައިޑް ބޮޑީ މަތިންދާބޯޓު ފޯރުކޮށްދިނުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި އިތުރުކޮށްފި

މޯލްޑިވިއަން ވައިޑް ބޮޑީ އެއާރކްރާފްޓް/ ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް
ޤައުމީ އެއަރލައިން މޯލްޑިވިއަންއަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ފޯރުކޮށްދިނުމާއި ގުޅޭ ޕްރޮޕޯސަލް ހުށަހެޅުމަަށް ހުޅުވާލި ސުންގަޑި އިތުރުކޮށްފިއެވެ.
އެއަރބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓު މޯލްޑިވިއަންގެ ދަތުރުތަކުގައި މިހާރު ބޭނުންކުރަމުންދާއިރު، ވައިޑް ބޮޑީ ދެވަނަ މަތިންދާބޯޓު ހޯދުމަށް އެ ކުންފުނިން އިޢުލާނުކުރީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މޯލްޑިވިއަނުން ފުރަތަމަ ކަނޑައެޅި ސުންގަޑި ވަނީ ހުކުރު ދުވަހުގެ ނިޔަލަށް ހަމަވެފައެވެ.
އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ ބޯޓު ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާކަމަށެވެ. އެ އިޢުލާނުގައިވާ ގޮތުން، މޯލްޑިވިއަންއިން ހޯދަން އިއުލާންކޮށްފައި ވަނީ މިހާރުވެސް ބޭނުންކުރަމުން އަންނަ އެއަރބަސް އޭ330-200 މަރުކާގެ މަތިންދާބޯޓެކެވެ. އަދި އެ މަތިންދާބޯޓު ކުއްޔަށް ނަގާނީ 5 އަހަރުގެ ދުވަހުގެ މުއްދަތައްކަމަށް ވެސް އެކަމާއި ގުޅޭ އިޢުލާނުގައިވެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މޯލްޑިވިއަންއަށް ގެންނަ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓާއެކު އެ އެއަރލައިންގެ ދަތުރުތައް ޔޫރަޕްގެ މަންޒިލްތަކަށް ފެށިގެންދާނެކަމަށެވެ. މި ދަތުރުތައް މިއަހަރު އޮކްޓޯބަރު މަހު ފެށުމަކީ ސަރުކާރުގެ ޢަމާޒެއްކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވައިޑުބޮޑީ މަތިންދާބޯޓުތަކުގެ މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އެތައްގުނައަކަށް އިތުރުވެގެން ދާނެކަމަށް ސަރުކާރުން ޤަބޫލުފުޅުކުރައްވައެވެ.