ކުޅިވަރު
ޗެމްޕިއަންސް ލީގު ޖާގައަކީ އުޑުން ވެއްޓޭނެ އެއްޗެއް ނޫން: ގާޑިއޯލާ

ނޮޓިންހަމް ފޮރެސްޓް މެޗުގައި ގާޑިއޯލާ، ފޮތޯ: ގެޓީ އިމޭޖަސް
ޗެމްޕިއަންސް ލީގުގެ ޖާގައަކީ އުޑުން ވެއްޓޭނެ އެއްޗެއް ނޫން ކަމަށާއި، ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ބޭނުންނަމަ ޖެހޭނީ ކުރިއަށް ހުރި މެޗުތައް ކާމިޔާބުކުރަންކަމަށް، ޓީމުގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ މިހެން ބުނީ، ރޭ އިންގްލިޝް ޕްރިމިއަރ ލީގުގައި އެ ޓީމުން ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމަށްފަހު ވާހަކަ ދައްކަމުންނެވެ. ފޮރެސްޓުގެ ސިޓީ ގްރައުންޑްގައި ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ ބަލިވެފައި ވަނީ 1-0 އިންނެވެ.
މި ނަތީޖާއާއެކު މެންޗެސްޓަރ ސިޓީއަށް ލީގުގެ ތިންވަނައަށް އެރުމަށް ލިބުނު ފުރުސަތު ގެއްލިފައިވާއިރު، ފަސްވަނައިގައި އޮތް ޗެލްސީ ދެން ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ، މެންޗެސްޓަރ ސިޓީ ފަސްވަނައަށް ވެއްޓޭނެއެވެ.
މި ސީޒަނުގެ އެންމެ ސަރޕްރައިޒިން ޓީމު ކަމުގައިވާ ފްރެސްޓް މިހާރު އޮތީ 28 މެޗުން ހޯދި 51 ޕޮއިންޓާއެކު، ސިޓީއަށް ވުރެ 4 ޕޮއިންޓު ކުރީގައި، ލީގުގެ ތިންވަނައިގައެވެ.
އަނިޔާތަކާ ގުޅިގެން އެންމެ ފަހުން ލީގު ކާމިޔާބުކުރި ސިޓީއަށް މި ސީޒަން މިހާތަނަށް ފެންނަނީ ވަރަށް ބަނަކޮށެވެ. އެ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން ނުކުޅެވިފައި އެބަތިއްބެވެ. އެގޮތުން ބެލަން ޑިއޯ ކާމިޔާބުކުރި ރޮޑްރީ އާއި އެ ޓީމުގެ ފަހަތަށް ކުޅޭ، ޖޯން ސްޓޯންސް، މެނުއެލް އަކަންޖީ އަދި ނަތަން އާކޭ ފަދަ މުހިންމު ކުޅުންތެރިން ތިބީ އަނިޔާގައެވެ.
ގާޑިއޯލާ ބުނީ، އެ ޓީމަށް ލީގުގައި ބާކީ އޮތީ 10 މެޗު ކަމަށާއި، މި މެޗުތަކުން ގިނަ މެޗުތައް ކާމިޔާބުކޮށްގެން ނޫނީ ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވާނެކަމަށެވެ. އަދި އެކަން ކުރެވޭނީ ރަގަޅަށް ކުޅެގެން ކަމަށާއި، ޗެމްޕިއަންސް ލީގުގެ ޖާގައަކީ އުޑުން ވެއްޓޭނެ އެއްޗެއް ނޫންކަމަށެވެ.
ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު ސިޓީއަށް ގެއްލުނީ މެޗު ނިމެން 7 މިނެޓަށް ވެފައިވަނިކޮށް، ކަލުމް ހަޑްސަން-އޮޑޯއީ ކާމިޔާބުކުރި ގޯލަކުންނެވެ. މި މެޗުގައި ފޮރެސްޓުން ވަނީ ނުރައްކާތެރި އިތުރު ހަމަލާތަކެއްވެސް ސިޓީގެ ގޯލަށް އަމާޒުކޮށްފައެވެ.