ރަހަފަތް
މަޝްރޫމް ފްރައިޑް ރައިސްއެއް ކައިފިންތަ މިހާރު؟ އަޅެ ނިކަން ޓްރައިކޮށްލަބަލަ

ސްޕައިސީ މަޝްރޫމް ރައިސް
ހުލާސާ
ސްޕައިސީ މަޝްރޫމް ރައިސް
ދިވެހިންނަކީ އާންމު ގޮތެއްގައި ތަފާތު އެކި ބާވަތުގެ ރައިސްތައް ހަދައިގެން ކައި އުޅޭ ބައެކެވެ. ނަމަވެސް، މިފަހަރު މިއޮތީ މަޝްރޫމް އަޅައިގެން ތައްޔާރުކޮށްލެވޭނެ ތަފާތު މީރު ޑިޝްއެކެވެ.
ބޭނުންވާ ތަކެތި:
- 2 ޖޯޑު ބާސްމަތީ ރައިސް
- 1 ޖޯޑު މަޝްރޫމް
- ބޮޑު 1 ފިޔާ (ކޮށާފަ)
- 4 ލޮނުމެދު (ކޮށާފަ)
- 1/2 ޖޯޑު ކެޝޫނަޓް
- 2-3 ލައިމް ލީފް
- 2 މޭޒުމަތީ ސަމްސާ ޗިލީ ޕޭސްޓް
- 2 މޭޒުމަތީ ސަމްސާ މަސްޓަރޑް ތެޔޮ
- ލޮނު (ރަހަ ހެޔޮވަރުވާ ވަރަށް)
- އަސޭމިރުސް (ރަހަ ހެޔޮވަރުވާ ވަރަށް)
- ފިޝް ސޯސް (އޮޕްޝަނަލް)
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ މަސްޓަރޑް ތެޔޮފޮދު ތަވާ މަތީގައި ހޫނުކޮށްލާށެވެ. ހޫނުވެލީމައި ކޮށާފައި ހުރި ފިޔާ، ލޮނުމެދު އަދި ލައިމް ލީފް އަޅައި ފިޔާގަނޑު މީރުކޮށްލާށެވެ. އެއަށްފަހު، ފިޔާކޮޅު ވަޅޯވާން ފެށުމުން، މަޝްރޫމްކޮޅު އަޅާލާ، މީރުވަމުންދާ ފިޔާކޮޅާ އެއްކޮށްލާށެވެ. ފިޔާކޮޅާއެކު މަޝްރޫމްކޮޅު މިނެޓެއްހާއިރު މީރުކޮށްލުމަށްފަހު، އޭގެ ތެރެއަށް ކެޝޫނަޓްކޮޅު އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު، މަޝްރޫމް އަދި ކެޝޫނަޓްތައް ތަވާމަތީގައި ރަނގަޅަށް ރޯސްޓުކޮށްލާށެވެ. ކެޝޫނަޓް އަދި މަޝްރޫމްއަށް ބްރައުން ކުލަ އެރުމުން އެހުރީ ރޯޯސްޓުވެފައިކަން އިނގޭނެއެވެ. ދެން، އޭގެ ތެރެއަށް ޗިލީ ޕޭސްޓުކޮޅު އަޅާލާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު، ލޮނާއި އަސޭމިރުސް ވެސް އަޅައިލާ ރަހަހެޔޮވަރުކޮށްލާށެވެ.
ފިޔާގަނޑަށް ހުރިހާ އެއްޗެއް އަޅާ ތައްޔާރުވުމުން، އޭގެ ތެރެއަށް ކައްކާފައި ހުރި ބާސްމަތީ ރައިސްކޮޅު އަޅާލާށެވެ. އެއަށްފަހު، ރަނގަޅަށް އެއްކޮށްލާށެވެ. މިހާ ހިސާބުން މިހުރީ ބޭނުންވާ ތަކެތި ބޭނުންކޮށްގެން ސްޕައިސީ މަޝްރޫމް ރައިސް ތައްޔާރުކުރެވިފައެވެ. މި ރައިސް ތައްޔާރުކޮށް ނިމޭއިރު، މާ ބޮޑަށް ހިކި ބޮޑު ނަމަ ކޮންމެވެސް ކަހަލަ ސޯސްއެއް އެއްކުރުމަށް ފަހު ބަތްގަނޑު ތެތް ކޮށްލެވިދާނެއެވެ. އެގޮތުން، މި ޑިޝް ގެ ރަހަ އެންމެ މީރުވެގެންދަނީ ފިޝް ސޯސް އެއްކޮށްލުމުންނެވެ. އެހެންކްމުން، ކުޑަ ފިޝް ސޯސްކޮޅެއް އެކޮށްލުމަށްފަހު އުނދުން ނިއްވާލާށެވެ.
އެންމެ ފަހުން ބަތްގަނޑު ތައްޓަކަށް އަޅާލުމަށްފަހު ސާރވް ކޮށްލާށެވެ. މިި ރައިސްއާއި އެއްކޮށް ސައިޑް ޑިޝްއެއްގެ ގޮތުގައި ޗިލީި ޕޭސްޓްކޮޅެއް ބޭނުން ކޮށްލުމުން ކެެއުމަށް އިތުރު ފުރިހަމަ ރަހައެއް ލިބިގެންްދާނެއެވެ.