ރަހަފަތް

މެންގޯ ޗިއާ ޓްރައިފަލް: ތައްޔާރުކޮށްލަން ފަސޭހަ، މީރު ޑެޒަރޓެއް

މެންގޯ ޗިއާ ޓްރައިފަލް: ތައްޔާރުކޮށްލަން ފަސޭހަ، މީރު ޑެޒަރޓެއް

މެންގޯ ޗިއާ ޓްރައިފަލް

10 މާރިޗު 2025، 02:14

މެންގޯ ޗިއާ ޓްރައިފަލް

ދިވެހިންނަކީ އެކި ބާވަތުގެ ފޮނި ކާތަކެއްޗަށް ދެވިހިފާފައިވާ ބައެކެވެ. އެހެންކަމުން، މި ރެސިޕީގައި ފެނިގެންދާނީ ފަސޭހަކަމާއި އެކު ތައްޔާރުކޮށްލެވޭ މީރު ޑެޒަރޓެއް ކަމަށްވާ "މެންގޯ ޗިއާ ޓްރައިފަލް" ތައްޔާރުކޮށްލާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 1/2 ޖޯޑު ޗިއާ ސީޑް
  • ދޮން އަނބު (ކުދިކޮށް ކޮށާފަ)
  • 1 ދަޅު ގެރިކިރު
  • 100 މިލިލީޓަރު ވެނީލާ މިލްކު
  • 1/2 ޖޯޑު ވިޕިންގ ކްރީމް
  • ވެނީލާ އެސެންސް (އޮޕްޝަނަލް)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ޗިއާ ސީޑްތައް ފޯކޮށްލުމަށް ތައްޓަކަށް އަޅާލާށެވެ. ދެން އޭގެތެރެއަށް ވެނީލާ ކިރުފޮދު އަޅާލުމަށްފަހު އެއްކޮށްލާށެވެ.  ޗިއާ ސީޑްކޮޅު ރަނގަޅަށް ފޯވަންދެން ބައިންދާށެވެ. އެއަށްފަހު އަނބު ކުދިކޮށް ކޮށާލާށެވެ. އަނބު ކޮށާއިރު ގާތްގަނޑަކަށް 2-3 ސެންޓިމީޓަރަށް ބެހެއްޓުމުން ކެއުމަށް ފަސޭހަވާނެއެވެ.

އަނބު ކޮށާ ނިމުމުން، މި ޑެޒަރޓަށް ބޭނުންވާ ވިޕިންގ ކްރީމް ކޮޅު ތައްޔާރުކޮށްލާށެވެ. ވިޕިންގ ކްރީމްކޮޅު ރަނގަޅަށް ތަތް ވަންދެން މިކްސް ކޮށްލާށެވެ. ދެން، ވިޕިންގ ކްރީމްގެ ތެރެއަށް ގެރިކިރު ކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު، މި ފިލިންގ އިތުރަށް މީރުކޮށްލަން ބޭނުންވާނަމަ އޭގެ ތެރެއަށް ވެނީލާ އެސެންސް ނުވަތަ މެންގޯ އެސެންސްފޮދެއް އެއްކޮށްލެވޭނެއެވެ. 

ފިލިންގ ތައްޔާރުވުމުން، ތައްޓެއްގައި މި ޑެޒަރޓް އަތުރާލަން ފަށާށެވެ. ފުރަތަމަ، ތަށްޓަކަށް ވިޕިންގ ކްރީމްގެ ލޭޔަރއެއް އަޅާށެވެ. އެއަށްފަހު، އޭގެ މަތީގައި ކޮށާފައި ހުރި އަނބު ކޮޅެއް އަތުރާލުމަށްފަހު މައްޗަށް ފޯކޮށްފައި ހުރި ޗިއާ ސީޑްސް އަޅާށެވެ. ދެން ޗިއާ ސީޑްގެ މައްޗަށް ވިޕިންގ ކްރީމް މިކްސް އަޅާލާށެވެ. މިގޮތަށް 2 ވަރަކަށް ލޭޔާއަށް ހަދާލެވޭނެއެވެ.

ތަށީގައި ތަކެތި އަތުރާ ނިމުމުން، ތަށި އައިސްއަލަމާރިއަށްލާ މި ޑެޒަރޓް ފިނިކޮށްލާށެވެ. ދެން މެންގޯ ޗިއާ ޓްރައިފަލް ފިނިވުމުން ނަގާ ސާރވްކުރާށެވެ.

މި ލިޔުން ކިޔާލުމުން