ޚަބަރު
މިފްކޯއިން މަސް ކިރާފައިވާ 30 ދޯންޏަކަށް 3 މިލިއަން ރުފިޔާ ދޫކޮށްފި

މަސްކިރުމުގެ ތެރެއިން/ފޮޓޯ: އެޑިޝަން އެމްވީ
މިފްކޯއަށް މަސް ކިރާފައިވާ 30 ދޯންޏަކަށް 3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
މިފްކޯއިން ވިދާޅުވީ، މި ފައިސާއަކީ މިމަހުގެ 10 ވަނަ ދުވަހު މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް ދޫކޮށްފައިވާ ފައިސާ ކަމަށެވެ. އެހެންކަމުން، މިއަދުގެ 10:30 އާއި 1:30 އާއި ދެމެދުގައި ފައިސާ ޖަމާވާނެކަމަށް މިފްކޯއިން ހާމަކުރެއެވެ. އަދި އެހެން ބޭންކް ޓްރާންސްފާތައް މިއަދުގެ 2:30 އަށް ނިމޭނެކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މިފްކޯއިން ވިދާޅުވީ، މި 30 ދޯންޏަށް ދޫކޮށްފައިވާ ފައިސާގެ އަދަދު ޖުމްލަ 3,471,115.24 ރުފިޔާއަށް އަރާ ކަމަށެވެ.
މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފަށައިގެން މިފްކޯ އިން އަންނަނީ މި ވަޢުދު ފުއްދުމަށްޓަކައި، މަސްވެރިން ކިރުވާ މަހަށް ބަރާބަރަށް ފައިސާ ދައްކަމުންނެވެ.
މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގައި އެންމެ ބޮޑު އެއް ސިނާޢަތްކަމަށް ހެދުމަށް ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.