ޚަބަރު
މަޖިލީހުގެ މަސައްކަތްތައް މިހާރަށް ވުރެ އަވަސްކުރެވޭނެ އިސްލާހެއް ފާސްކޮށްފި

މަޖިލީހުގެ އާންމު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް
މަޖިލީހުގެ މަސައްކަތްތައް މިހާރަށް ވުރެ އަވަސްކުރުމުގެ ގޮތުން، މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުވާން ދޭ މުއްދަތު ކުރުކުރުމަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރެވެ. އަދި މަޖިލީހުގެ އާންމު ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު އިހަވަންދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި އިސްލާހަށް ބަދަލެއް ގެނަސްފައެއް ނުވެއެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރު ވަނީ މަޖިލީހުގެ ގަވާއިދަށް ދެ އިސްލާޙެއް ހުށަހަޅުއްވާފައެވެ. އެގޮތުން ހުށަހެޅުއްވި އެއް އިސްލާހަކީ، މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރާ ފަރާތްތައް އެ ކޮމިޓީއަކަށް ހާޒިރުކުރުމަށް ނިންމައި ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން ބަންދު ދުވަަސްތައް ހިމެނޭގޮތަށް ތިން ދުވަސް ދިނުމަށް ހުށަހެޅި އިސްލާހެވެ.
ދެވަނަ އިސްލާހަކީ، މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި އެކަމަކަށް އެދެވޭނީ، އެކަމަކަށް އެދޭ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ހިމެނޭގޮތަށް 3 ދުވަހުގެ މުއްދަތެއް ދިނުމަށްފަހުކަމަށް ހުށަހެޅުމެވެ.
މި ދެ ކަންތަކުގައި ވެސް ކުރިން ދެމުން ގެންދިޔައީ ބަންދު ދުވަސްތައް ނުހިމެނޭގޮތަށް 5 ދުވަހުގެ މުއްދަތެކެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.