ކުޅިވަރު

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު ކުޅޭނީ އިރުއޮއްސޭއިރު

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު ކުޅޭނީ އިރުއޮއްސޭއިރު

ޤައުމީ ޓީމު ޝިލޮންގުގައި، ފޮޓޯ: މޯލްޑިވްސް ނެޝަނަލް ފުޓްބޯލް ޓީމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 މާރިޗު 2025، 02:56

18 މާރިޗު 2025، 02:56

ދިވެހިރާއްޖޭގެ ފުޓުބޯޅަ ޓީމާއި އިންޑިއާގެ ފުޓުބޯޅަ ޓީމު ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، އެ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައެވެ.

މިއީ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން މި ދެ ޓީމު ކުޅުމަށް ނިންމާފައިވާ މެޗެކެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އިރުއުތުރު ހިސާބެއް ކަމުގައިވާ، ޝިލޮންގުގައެވެ. މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، މިއީ ފީފާ މިންގަނޑަށް ފެތިގެން ޝިލޮންގްގައި ކުޅޭ ފުރަތަމަ މެޗެވެ. އަދި ރާއްޖެއާ ކުޅޭ އެކުވެރިކަމުގެ މެޗަށްފަހު ދެން މި ދަނޑުގައި ކުޅޭނީ އޭޝިއަން ކަޕް ކޮލިފައިންގައި އިންޑިޔާ އާއި ބަނގްލަދޭޝް ބައްދަލުކުރާ މެޗެވެ.

އިންޑިއާ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު އުމުރުން 31 އަހަރުގެ ސަންޑޭޝް ޖިންގަން ބުނީ، އެ ޓީމުގެ އަމާޒަކީ ކޮޅަށް ގޯލެއް ނުވަދެ އެކުވެރިކަމުގެ މެޗުން ރާއްޖެ ބަލިކޮށް، އޭޝިއަން ކަޕް ކޮލިފައިންގައި ބަނގުލަދޭޝްއާ ދެކޮޅަށް އެކަން ތަކުރާރު ކުރުމެވެ.

މި މެޗަށް، އިންޑިއާގެ ކުރީގެ ކެޕްޓަން ސުނިލް ޗެތުރީގެ ރިޓަޔާމެންޓު އުވާލުމަށްފަހު އަލުން އަނބުރާ އިންޑިއާގެ ގައުމީ ޓީމުގެ ޖާޒޒީ ލުމަށް ވެސް ވަނީ ނިންމާފައެވެ. ސާކް ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާ އުމުރުން 40 އަހަރުގައި އަލުން ކުޅެން ނުކުތީ ކުލަބު ލެވެލްގައި އޭނާ ދައްކާ ކުޅުން ރަނގަޅުވުމުން އިންޑިޔާ ކޯޗާއި ފެޑަރޭޝަނުގެ އެދުމުގެ މަތީންނެވެ. 

އިންޑިޔާ މެޗަށް ފަހު ރާއްޖެ ވާދަކުރާނީ މި މަހުގެ 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ފިލިޕީންސާ އެވެ. މި މެޗު ކުޅޭނީ ފިލިޕީންސްގަ އެވެ. މި މެޗަށް ރާއްޖެ ދަތުރު ކުރާނީ ޝިލޮންގުން އެނބުރި ރާއްޖެ އައުމަށްފަހު އެވެ. ރާއްޖެ ކުރިން މަސައްކަތް ކުރީ އިންޑިޔާއިން ސީދާ ފިލިޕީންސަށް ދިއުމަށެވެ. ޝިލޮންގެ ދަތުރު ފަތުރުގެ ކަންކަން ދަތިކަމުން ފިލިޕީންސަށް ދިއުން ފަސޭހަ ކުރުމަށް އިންޑިޔާގެ އެހެން ސިޓީއެއްގައި މެޗު ކުޅެން ވެސް ރާއްޖެ ހުށަހެޅި އެވެ. ނަމަވެސް އިންޑިޔާއިން ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެން ޖެހެނީ ޝިލޮންގައި ކަމަށްވުމުން އެ ގައުމުން ޝެޑިއުލް ބަދަލު ކުރަން ބޭނުންނުވީއެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS