ރަހަފަތް
ކްރީމީ ޕެނޭ ވިތް ލެމަން ރޯސްޓެޑް ޗިކަން: ތައްޔާރުކޮށްލަން ފަސޭހަ ކޮންބޯއެއް

ކްރީމީ ޕެނޭ ވިތް ލެމަން ރޯސްޓެޑް ޗިކަން
ކްރީމީ ޕެނޭ ވިތް ލެމަން ރޯސްޓެޑް ޗިކަން
ދިވެހިންނަކީ އެކި ބްރޭންޑުތަކުގެ ޕާސްތާ މީރު ގޮތްގޮތަށް ތައްޔާރުކޮށްގެން ކައި އުޅޭ ބައެކެވެ. އެގޮތުން، މި ރެސިޕީގައި މި ކިޔައިދޭނީ އެންމެ އާންމު ޕެނޭ ޕާސްތާއާއި އެކު ލެމަން ރޯސްޓެޑް ޗިކަން ތައްޔާރުކުރާނެ ފަސޭހަ ގޮތެކެވެ.
ބޭނުންވާ ތަކެތި:
ކްރީމީ ޕެނޭ ތައްޔާރުކޮށްލުމަށް:
- 2 ލޮނުމެދު (ކުދިކޮށް ކޮށާފަ)
- 1 ސައިސަމުސާ ފިޔާ (ކުދިކޮށް ކޮށާފަ)
- 1 ޖޯޑު ކުކިންގ ކްރީމް
- ލޮނު (ރަހަލާ ވަރަށް)
- އަސޭމިރުސް (ރަހަލާ ވަރަށް)
- 1 ޖޯޑު ޕާސްތާ
ލެމަން ރޯސްޓް ޗިކަން ތައްޔާރުކޮށްލުމަށް:
- 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
- 4 ލޮނުމެދު (ކުދިކޮށް ކޮށާފަ)
- 1/2 ފިޔާ (ކޮށާފަ)
- 300ގ ކުކުޅު
- 1 ސައިސަމުސާ ސޯޔާ ސޯސް
- ލުނބޯ (ތުނިކޮށް ފޮތިކޮށްފަ)
- 1/4 ޖޯޑު ކެޝޫނަޓް
- 1 ސައިސަމުސާ މިރުސް
- 1 ސައިސަމުސާ އޮއިސްޓަރ ސޯސް
- 1 ޖޯޑު ކުކިންގ ކްރީމް
ޗިކަން ސީޒަނިންގ:
- 1 ސައިސަމުސާ އަސޭމިރުސް
- 1/2 ސައިސަމުސާ ލޮނު
- ކުކުޅު
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ޕާސްތާކޮޅު ކައްކާލަން ފެން އެއްޗެއް އުދުން މައްޗަށް އުދާށެވެ. ފެން އެތި ހޫނުވަންދެން ބޭންދުމަށްފަހު، ތަވައަކަށް ތެޔޮ ފޮދެއް އަޅާލާށެވެ. ތެޔޮފޮދު ހޫނުވުމުން އޭގެ ތެރެއަށް ލޮނުމެދާއި ފިޔާ އަޅާފައި މަޑު ގިނީގައި ފިިޔާކޮޅު ރަތްކޮށްލާށެވެ. ދެން ކުކުޅުކޮޅު ސީޒަންކޮށްލުމަށް އަސޭމިރުސްކޮޅަކާއި ލޮނުކޮޅެއް އަޅާލާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު، ރަތްކޮށްލަން ބަހައްޓާފައި ހުރި ފިޔާގަނޑުގެ ތެރެއަށް ކުކުޅުކޮޅު ލާށެވެ.
ދެން ޕާސްތާ ކައްކަން ކުރިން އުުނދާފައި ހުރި ފެނުގެ ތެރެއަށް ލޮނުކޮޅަކާއި ތެޔޮފޮދެއް އެޅުމަށްފަހު ޕާސްތާ އަޅާލާށެވެ. ޕާސްތާ މަޑުވާންދެން ބަހައްޓާފައި ކުކުޅުކޮށް އަޅާފައިހުރި ފިޔާގަނޑުގެ ތެރެއަށް ސޯޔާސޯސް ކޮޅު އަޅައިލާށެވެ. ދެން އޭގެ ތެރެއަށް ކެޝޫނަޓްކޮޅު އަޅައިފާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މިރުސްކޮޅު އެޅުމަށްފަހު ފޮތިކޮށްފައި ހުރި ލުނބޯ ސްލައިސްތައް އޭގެ ތެރެއަށް ލާށެވެ.
ދެން ކުކުޅުކޮޅު ރޯފިލަންދެން މަތިޖަހާފައި ރަނގަޅަށް ކައްކާލުމަށްފަހު އޭގެ ތެރެއަށް އޮއިސްޓަރ ސޯސް ކޮޅެއް އަޅާފައި އެއްކޮށްލާށެވެ. ޕާސްތާކޮޅު މަޑުވުމުން ނަގައި ތައްޓަކަށް އަޅާލުމަށްފަހު ފެން ހިންދާލާށެވެ. ދެން ކުކުޅުކޮޅުގެ ތެރެއަށް ކުޑަ ޕާސްތާ ފެންފޮދެއް އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅުގަނޑަށް އަޅާލި ލުނބޯފޮތިތައް ނެގުމަށް ފަހު ކުކިންގ ކްރީމް އަޅާ އެއްކޮށްލުމުން ކުކުޅުކޮޅު ހުންނާނީ ތައްޔާރުވެފައެވެ.
ކްރީމީ ޕާސްތާ ހެދުމަށް ތެއްޔަކަށް ތެޔޮފޮދު އަޅާފައި އުނދުން މަތީގައި ހޫނުކޮށްލާށެވެ. ހޫނުވުމުން އޭގެ ތެރެއަށް ލޮނުމެދާއި ފިޔާކޮޅު އަޅާލާށެވެ. ދެން އޭގެ ތެރެއަށް ކުކިންގ ކްރީމް، ލޮނު އަދި ކައްކާފައި ހުރި ޕާސްތާކޮޅު އަލާފައި އެއްކޮށްލާށެވެ. އެއަށްފަހު ތައްޓަކަށް ކްރީމީ ޕާސްތާކޮޅު އަޅާލާށެވެ. ދެން ތައްޔާރުކުރި ލެމަން ރޯސްޓެޑް ޗިކަންކޮޅު ވެސް ތައްޓަށްލުމަށް ފަހު ސާރވް ކޮށްލާށެވެ.