ރަހަފަތް

ބަށި ހިކިކޮށް ތައްޔާރުކޮށްލަން ފަސޭހަ ރެސިޕީއެއް

ބަށި ހިކިކޮށް ތައްޔާރުކޮށްލަން ފަސޭހަ ރެސިޕީއެއް

ބަށި ހިކިކޮށް ހަދާފަ

22 މާރިޗު 2025، 03:24

ބަށްޓަކީ ކެއުމުގައި އެކި ވައްތަރުގެ ކާތަކެތި ތައްޔާރުކުރަން ބޭނުންކުރާ އެއްޗެކެވެ. އެގޮތުން ބަށި ބޭނުންކޮށްގެން ބަށި ރިހައާއި ބަށި މަސްހުނި ވެސް ތައްޔާރުކުރެއެވެ. މި ރެސިޕީގައި ކިޔާދޭން މިއުޅެނީ ބަށި ހިކިކޮށް ތައްޔާރުކޮށްލަން ފަސޭހަގޮތެކެވެ. 

ބޭނުންވާ ތަކެތި:

  • ބަށި (ކޮށާފަ)
  • ވަޅޯމަސް
  • 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 1 ފިޔާ (ބޮޑު)
  • 2 ލޮނުމެދު (ގާނާފަ)
  • ގިތިޔޮ މިރުސް
  • 2 ތޮޅި މިރުސް
  • ހިކަނދި ފަތް
  • ރާނބާ ފަތް
  • ލޮނު
  • އަސޭމިރުސް
  • ޗިލީ ސޯސް
  • އޮއިސްޓަރ ސޯސް
  • 3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ، ކޮށާފައި ހުރި ބަށިކޮޅު ތެޔޮފޮދަކަށް އަޅާފައި ތެލުލާށެވެ. ދެން މީގެ ސޯސްގަޑު ތައްޔާރުކުރުމަށް ތަވައަކަށް ތެޔޮފޮދެއް އަޅާފައި ހޫނުވުމުން ގާނާފައި ހުރި ލޮނުމެދުކޮޅާއި މިރުސްކޮޅު އަޅާލާށެވެ. އެއަށްފަހު، ފިޔާ، ހިކަނދިފަތް، ރާނބާފަތް އެޅުމަށްފަހު ފިޔާގަނޑު ރަނގަޅަށް ރަތްކޮށްލާށެވެ. ދެން ކޮށާފައި ހުރި ވަޅޯމަސްކޮޅު އަޅާ އެއްކޮށްލުމަށްފަހު، ލޮނު އަދި އަސޭމިރުސް އަޅާފައި ރަހަ ހެޔޮވަރުކޮށްލާށެވެ. 

ވަޅޯމަސްކޮޅު ފިޔާގަނޑު ތެރޭގައި ރަނގަޅަށް ހަނާވުމުން އޭގެ ތެރެއަށް ޓޮމާޓޯ ޕޭސްޓުކޮޅު އަޅާލާށެވެ. ދެން އޭގެ ތެރެއަށް އޮއިސްޓަރ ސޯސް އާއި ޗިލީ ސޯސް އެޅުމަށްފަހު އެއްކޮށްލާށެވެ. ސޯސްގަޑު ކުޑަ އިރުކޮޅަކު ކައްކާލުމަށްފަހު ތެލުލާފައި ހުރި ބަށިކޮޅު އޭގެ ތެރެއަށް އަޅާފައި އެއްކޮށްލާށެވެ. މިހާ ހިސާބުން މިހުރީ މި ޑިޝް ސާރވްކޮށްލަން ތައްޔާރުވެފަ އެވެ. މިއަކީ ބަތް ނުވަތަ ރޮށްޓާއި އެއްކޮށް ކާލެވޭނެ މީރު ޑިޝްއެކެވެ.

މި ލިޔުން ކިޔާލުމުން