ޚަބަރު
އައްޑޫއަށް އިތުރު 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވައިފި

އައްޑޫ އަށް ފޮނުވި އައު ޖަނެރޭޓަރު. ފޮޓޯ:ފެނަކަ
ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އައްޑޫސިޓީ އަށް އިތުރު 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް ފޮނުވައިފިއެވެ.
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް ކަރަންޓު ކެނޑި ރައްޔިތުންނަށް އުނދަގޫ ތަކެއް ކުރިމަތިވަމުންދާތީ ދާއިމީ ޙައްލެއް ކުރިން ވަގުތީ ޙައްލެއް ހޯދައިގެންވެސް ރައްޔިތުންނަށް އެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.
އެކި ވަގުތުތަކުގައި ކަރަންޓު ކެނޑޭތީ ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ދަނީ އައްޑޫ ސިޓީއަށް ޖަނަރޭޓަރުތައް ފޮނުވަމުންނެވެ. އެގޮތުން، މި ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި އެ ސިޓީއަށް ދެ ޖަނަރޭޓަރު ފޮނުވާފައިވާއިރު ތިންވަނަ ޖަނަރޭޓަރު މިހާރު ވަނީ މާލެއިން ފޮނުވާލާފައެވެ.
އައްޑޫ ސިޓީގައި ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ ޖަނަރޭޓަރުތައް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން ހަލާކުވުމުގެ ސަބަބުންނެވެ. މިއާއެކު އެ ސިޓީގައި ބައެއް ވަގުތުތަކުގައި ކަރަންޓު ކަނޑަން ވަނީ ޖެހިފައެވެ. އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރައެވެ. ނަމަވެސް ރޯދަ މަހު ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައެވެ.