Ads by Exprox

ޚަބަރު

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ހާލު ސީރިއަސް: އައިޖީއެމްއެޗް

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ހާލު ސީރިއަސް: އައިޖީއެމްއެޗް

އައިޖީއެމްއެޗް/ފޮޓޯ: އެޓޯލް ޓައިމްސް

25 މާރިޗު 2025، 01:45

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ހާލު ސީރިއަސް ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ. 

ރޭ 11:00 ހާއިރު ރަސްދޫގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގެ ތެރޭގައި ހިނގި މި އަލިފާނުގެ ހާދިސާގައި އެކިވަރުގެ ޒަޙަމްތައް ވެފައިވަނީ އެ ކޮޓަރީގައި އުޅެމުން ދިޔަ 31 އަހަރުގެ ދެމަފިރިންނަށެވެ. އަދި މި އެޕާޓްމެންޓުގައި އަންހެން މީހާގެ މަންމަ އާއި ބައްޕަ ވެސް ދިރިއުޅޭކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ނަމަވެސް އެމީހުންނަށް މި ހާދިސާގެ ސަބަބުން އަނިޔާއެއް ވެފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި ޒަޚަމްތައްވި ދެ މީހުން ރޭގެ ވަގުތެއްގައި އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން އައިޖީއެމްއެޗުން ވިދާޅުވީ، އެ ދެމީހުންގެ ގައިގެ ވަރަށް ބޮޑު ބައެއް ފިހިފައިވާކަމަށާއި، ދެ މީހުންގެ ވެސް ހާލު ސީރިއަސްކަމަށެވެ. ހަމަ އެހެންމެ، އެމީހުންނަށް ފަރުވާދެމުންދަނީ އެ ހޮސްޕިޓަލުގެ އެމެޖެންސީގައިކަމަށް ވެސް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. 

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މި ހާދިސާ ހިނގި ތަނަށް ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS