Ads by Exprox

ޚަބަރު

ރަސްދޫ އަލިފާނުގެ ހާދިސާ: ފިހުނު ދެމަފިރިންގެ އުންމީދު ކަނޑާލުމަށްފަހު ޑައިލިސިސް ހަދަނީ

ރަސްދޫ އަލިފާނުގެ ހާދިސާ: ފިހުނު ދެމަފިރިންގެ އުންމީދު ކަނޑާލުމަށްފަހު ޑައިލިސިސް ހަދަނީ

އއ. ރަސްދޫ/ފޮޓޯ: ޓްރިޕް އެޑްވައިސަރ

25 މާރިޗު 2025، 03:57

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ހާލު ސީރިއަސްވެ އުންމީދު ކަނޑާލާފިއެވެ.

މި ޙާދިސާގައި އަނިޔާވި ދެމީހުންވެސް ރޭގެ  ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗް ގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރޭ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ޖާގަ ނެތުމުގެ ސަބަބުން އިމަރޖެންސީ ބައިގައި ފަރުވާ ދިނުމަށްފަހު އައިސީޔޫ އިން ޖާގަ ލިބުމުން ވަނީ އެތަނަށް ބަދަލުކޮށްފައެވެ.

ކަމާ ގުޅުންހުރި ފަރާތަކުން "ފަރުދުން މީޑިއާ" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ހަށިގަނޑުގެ %83 ވަނީ ފިހިފައެވެ. އަދި މި މީހާއަށް ރޭގެ ވަގުތެއްގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދިނުމަށްފަހު އެމަރޖެންސީ އަށް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް، ހަށިގަނޑުގެ އެކި ގުނަވަންތަކުގެ ފަންކްޝަންތައް ދަށްވުމުގެ ސަބަބުން އަންހެން މީހާ އައިސީޔޫ އަށް ލުމަށްފަހު މިއަދު ވަނީ ޑައިލިސިސް ހަދާފައެވެ. މި ފަރުވާއަށް ފަހު ވެސް އަންހެން މީހާ އަދި ސްޓޭބަލް ނުވާ ކަމަށާއި، އުންމީދު ކަނޑާލާފައިވާ ކަމަށް މި މީޑިއާ އާއި ވާހަކަ ދެއްކި ފަރާތުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، ފިރިހެން މީހާގެ ހަށިގަނޑުގެ %78 ފިހިފައިވާ އިރު މި މީހާއަށް އައިސީޔޫ އިން ޖާގަ ނުލިބުމުގެ ސަބަބުން ފަރުވާ ވަނީ ލަސްވެފައެވެ. އަދި ފިރިހެން މީހާގެ ހަށިގަނޑުގެ އެކި ގުނަވަންތަކުގެ ފަންކްޝަންތައް ދަށްވުމުގެ ސަބަބުން ޑައިލިސިސް ހަދަން ޖެހެއެވެ. ނަމަވެސް، ފިރިހެން މީހާއަށް އައިސީޔޫ އިން މިއަދު ހެނދުނު ޖާގަ ނުލިބުމުގެ ސަބަބުން ޑައިލިސިސް ހެދުން ލަސްވެ، އިމަރޖެންސީގައި ބާއްވައިގެން ފަރުވާ ދިނުމަށްފަހު، މިހާރު ޑައިލިސިސް ހެދުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މި ހާދިސާގައި އަނިޔާވި ދެމަފިރިން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ބޭނުންވާ ކަމަށް އެފަރާތުގެ ޢާއިލާއިން ވަނީ ބުނެފައެވެ. ނަމަވެސް، ދެ މީހުންގެ ހާލު ސްޓޭބަލް ނުވުމުގެ ސަބަބުން މިކަމަށް ހުއްދަ ނުދެވޭނެ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން  ބުނެފައިވާ ކަމަށް މަޢުލޫމާތުލިބެއެވެ.

ރޭ 11:00 ހާއިރު ރަސްދޫގެ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގެ ތެރޭގައި ހިނގި މި އަލިފާނުގެ ހާދިސާގައި އެކިވަރުގެ ޒަޙަމްތައް ވެފައިވަނީ އެ ކޮޓަރީގައި އުޅެމުން ދިޔަ 31 އަހަރުގެ ދެމަފިރިންނަށެވެ. އަދި މި އެޕާޓްމެންޓުގައި އެމީހުންގެ 5 އަހަރުގެ ދަރިފުޅާއި، އަންހެން މީހާގެ މަންމަ އާއި ބައްޕަ ދިރިއުޅޭކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ނަމަވެސް އެމީހުންނަށް މި ހާދިސާގެ ސަބަބުން އަނިޔާއެއް ވެފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS