ދުނިޔެ
2025 ވަނަ އަހަރުގެ ޢީދު ހަނދު ބެލުމުގައި ޚިލާފު އުފެދިއްޖެ

ސައުދީ އަރަބިއްޔާއިން ހަނދު ބަލަނީ ފޮޓޯ:އިންޓަނެޓް
ކޮންމެ އަހަރަކުވެސް އާދައިގެ މަތިން، 2025 ވަނަ އަހަރުގެ ޢީދުލްފިޠުރުގެ ހަނދު ބެލުމުގައި އަނެއްކާވެސް ޚިލާފު އުފެދިއްޖެއެވެ. ފަލަކީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މާރިޗު 29 ވަނަ ދުވަހު (ހޮނިހިރު ދުވަހު) ހަނދު ފެނުމަކީ ސައިންޓިފިކަލީ އެއްގޮތަކަށްވެސް ވެދާނެ ކަމެއް ނޫނެވެ. ނަމަވެސް ސަޢޫދީ ޢަރަބިއްޔާއިން މާރިޗު 30 ވަނަ ދުވަހު ޢީދު ކަނޑައަޅައިފާނެ ކަމަށް ލަފާކުރެވެއެވެ.
ޤަޠަރު ކަލަންޑަރ ހައުސް އަދި ޔޫކޭގެ ނޯޓިކަލް އަލްމަނާކް އޮފީހުން ބުނާ ގޮތުގައި މާރިޗު 29 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގައި އަދި ޔޫކޭގައިވެސް ހަނދު ނުފެންނާނެއެވެ. އެންމެ ފަހުގެ ޓެލެސްކޯޕްތައް ބޭނުންކޮށްގެން ވެސް މެއެވެ. ނަމަވެސް، ސަޢޫދީ ޢަރަބިއްޔާގެ ހަނދު ބެލުމުގެ ކޮމިޓީގެ ނިންމުމާ އެއްގޮތަށް، ގިނަ މުސްލިމު ޤައުމުތަކުން ސަޢޫދީ ޢަރަބިއްޔާއާ އެކު ޢީދު އިޢުލާނުކުރާނެ ކަމަށް ބެލެވެއެވެ.
މިއީ ސަޢޫދީ ޢަރަބިއްޔާގެ ހަނދު ފެނުނު ކަމަށް ބުނާ ބުނުމާމެދު ސުވާލު އުފެދުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2023 ވަނަ އަހަރު، ކުވެއިތުގެ ފަލަކީއިލްމުވެރިއެއް ކަމުގައިވާ ޢާދިލް އައްސަޢުދޫން ސަޢޫދީ ޢަރަބިއްޔާގެ އިޢުލާނާމެދު ސުވާލު އުފައްދަވައި، އެއްވެސް މީހަކަށް ހަނދު ފެނިފައިވާނަމަ ފޮޓޯ ހެކި ހުށަހެޅުމަށް ގޮވާލެއްވިއެވެ. ހަމައެހެންމެ، 2024 ވަނަ އަހަރު ޙައްޖު މަހުގެ ހަނދާ ގުޅޭގޮތުން ޚިލާފު އުފެދި، ގިނަ ޤައުމުތަކުން ސަޢޫދީ ޢަރަބިއްޔާގެ އިޢުލާން ބަލައިނުގަތެވެ.
މާހިރުން ބުނާ ގޮތުގައި ސަޢޫދީ ޢަރަބިއްޔާއިން ޢީދުގެ ތާރީޚުތައް ކަނޑައަޅަނީ އުއްމުލް ޤުރާ ކަލަންޑަރަށް ބިނާކޮށެވެ. އަދި ގިނަ ަ ފަހަރަށް އެސްޓްރޮނޮމިކަލް ހެކިތަކާ ޚިލާފަށް ނިންމުންތައް ނިންމައެވެ. އެ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި ތުރުކީންވެސް މިފަދަ ގޮތަކަށް ޢަމަލުކުރެއެވެ. ނަމަވެސް ހަނދު ފެނުނު ކަމަށް ބުނުމުގެ ބަދަލުގައި ހިސާބުތަކަށް ބިނާކޮށް ޢީދު އިޢުލާނުކުރާ ކަމަށް ހާމަކަންބޮޑު ގޮތެއްގައި ބުނެއެވެ.
ޔޫކޭގައި މުސްލިމު މުޖުތަމަޢުން އާންމު ގޮތެއްގައި ތަބާވަނީ ސަޢޫދީ ޢަރަބިއްޔާގެ އިޢުލާނަށެވެ. ނަމަވެސް މިހާރު ގިނަ ބަޔަކު ގޮވާލަމުންދަނީ އެ ޤައުމުގައި ހަނދު ބެލުމަށެވެ. ނިއު ކްރެސެންޓް ސޮސައިޓީގެ ބާނީ ޢިމާދު އަޙްމަދު ހުށަހަޅުއްވާ ގޮތުގައި ޔޫކޭގައި ހަނދު ބެލުމުގެ އާދަކާދަ އަލުން އާލާކުރުމަކީ މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމަށް މަގުފަހިވާނެ ކަމެކެވެ.
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން މިހާތަނަށް ސައިންޓިފިކަލީ ނުފެންނާނެ ހަނދު ފެނުނު ކަމަށް އިޢުލާނުކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މިފަހަރު ސަޢޫދީ ޢަރަބިއްޔާގެ ހަނދު ބެލުމުގެ ކޮމިޓީން ހަނދު ނުފެންނަ ކަމަށް ޤަބޫލުކޮށްފިނަމަ، އެއީ އެ ޤައުމުގެ ސިޔާސަތަށް ގެނެވޭ މުހިންމު ބަދަލަކަށް ވެ، ކުރިމަގުގައި އައު މިސާލަކަށް ވެދާނެއެވެ.
މި މައްސަލައަކީ ދުނިޔޭގެ މުސްލިމު އުންމަތުގެ މެދުގައި ކޮންމެ އަހަރަކުވެސް އުފެދޭ ޚިލާފެކެވެ. ޢީދު ފާހަގަކުރުމުގައި މުސްލިމު ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ދީނީ ޢިލްމުވެރިންނާއި ފަލަކީ އިލްމުވެރިން ފާހަގަކުރައްވައެވެ. މި މައްސަލަ ޙައްލުކުރުމަށް ސައިންސާއި ދީނީ އުސޫލުތައް އެއްކޮށްގެން ނިންމުންތައް ނިންމުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.