ޚަބަރު
ވިހާފައި ކުނިގޮނޑަށް އެއްލާލި ކުއްޖެއްގެ މައްސަލަ ކުރިއަށްގެންދަން ނިންމައިފި!
ވިހާފައި އެއްލާލައިފައިއޮތް ކުއްޖާގެ މައްސަލާގައި ދައުވާކުރަން ހަމަޖެހިފައިވާ ހިރަންޏާ!
އދ. ދިގުރަށުގެ ކުނިގޮނޑަށް ވިހޭގޮތައް އެއްލާލި ކުއްޖެއްގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މިކަމަކީ މިފާއިތުވި އަހަރު ޑިސެންބަރު މަހުގެ ތެރޭގައި ހިނގައިދިޔަ ކަމެކެވެ. ކުނިގޮނޑަށް އެއްލާލައިފައި އޮތް ކުއްޖާގެ މައްސަލާގައި ދައުވާކުރަން ނިންމައިފައިވަނީ ރާއްޖޭގައި މަސައްކަތް ކުރި ސްރީލަންކާގެ އަންހެނެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ
މައްޗަށެވެ.
މިމައްސަލާގައި ހިރަންޏާ ހައްޔަރުކޮށްފައިވަނީ ރާއްޖެ ދޫކޮށް ފުރަން އެއަރޕޯޓަށް ގޮސްހުއްޓައެވެ. އޭނާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ޞިއްޚަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ކުރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެކޯޓުން ވަނީ ނިންމައިފައެވެ.
ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދިނުމުން ދައުލަތުން ބުނީ އެއްވެސް ހުށަހެޅުމެއް ނެތް ކަމަށެވެ. ނަމަވެސް ހިރަންޏާގެ ދިފާޢީ ވަކީލް ވިދާޅުވީ ހުށަހެޅުންތައް ހުށަހަޅަން އިތުރު މުއްދަތެއް ބޭނުންވާ ކަމަށެވެ.
އެކަމާ ގުޅިގެން ގާޒީ އިބްރާހިމް އިޙްސާން ވިދާޅުވީ ކޯޓުގެ ވަގުތު ބޭކާރު ކުރަން އެއްވެސް ހުށަހެޅުމެއް ހުށަހެޅުމެއް ހުށަހަޅައިގެން ނުވާނެ ކަމަށެވެ. އަދި އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ހުށަހަޅަންތައް ހުށަހަޅަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގައި ޑީއެންއޭ ރިޕޯޓް ދައުލަތުން މިއަދު ވަނީ ހުށަހަޅައިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ހިރަންޏާ ބުނީ އޭނާ ބަންދުގައި ހުންނަތާ 10 މަސް ދުވަސް ވެފައިވާ ކަމަށާއި ޖަލުގައި ހުންނައިރު އެހީތެރިވާނެ މީހަކު ނެތް ކަމަށެވެ.
ގާޒީ ވިދާޅުވީ އެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ ނޮވެމްބަރު މަހު ކުރިއަށް ގެންދަވާނެ ކަމަށާއި އަދި އަޑުއެހުންތައް ވެސް ކުރިއަށް ގެންދާނީ މެދުކެނޑުމެއް ނެތި ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ އެ މައްސަލާގައި ދެ ފަރާތަށް އެއްބަސްވެވޭ ކަމެއް އޮތް ނަމަ އެކަން ފާހަގަ ކުރެވިދާނެ ކަމަށެވެ. އޭރުން ހެކިބަސް ނަގަންޖެހޭ ހެކިންގެ ޢަދަދު މަދުވެ، މައްސަލަ އަވަހަށް ނިންމޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އިޢްތިރާފް އެއްބަސްވުމެއް ހަދަން ބޭނުންނަމަ އެ ފުރުސަތު އޮތް ކަމަށް ގާޒީ ވިދާޅުވި އެވެ.