ކުޅިވަރު

މެޗުން ބަލިވުމުން އިދިކޮޅު ޓީމުގެ ކޯޗުގެ ނޭފަތުގައި މޮރީނިއޯ ހިފައިފި

މެޗުން ބަލިވުމުން އިދިކޮޅު ޓީމުގެ ކޯޗުގެ ނޭފަތުގައި މޮރީނިއޯ ހިފައިފި

ފެނަބާޗޭގެ ކޯޗު ހޯޒޭ މޮރީނިއޯ ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 އޭޕްރީލު 2025، 04:10

03 އޭޕްރީލު 2025، 04:10

ޓާރކިޝް ކަޕްގެ ކުއާޓާ ފައިނަލުގައި ގަލަޓަސަރާއީ އާއި ފެންބާޗޭ ބައްދަލުކުރި މެޗަށްފަހު، ފެނަބާޗޭގެ ކޯޗު ހޯޒޭ މޮރީނިއޯ ގަލަޓަސަރާއީގެ ކޯޗު އޮކަން ބުރުކްއަށް އަނިޔާދިންކަމަށް ގަލަޓަސަރާއީއިން ތުހުމަތުކޮށްފިއެވެ. 

މިކަން ހިނގާފައިވަނީ ސުކްރޫ ސަރަކޮގްލޫ ސްޓޭޑިއަމްގައި ކުޅުނު މެޗަށްފަހު، ދަނޑުގެ މެދުގައި ދެ ޓީމުގެ އޮފިޝަލުން ބައްދަލުވި ވަގުތުގައެވެ. 

މޮރީނިއޯ އޮކަންގެ ނޭފަތުގައި ހިފީ އޭނާގެ ފަހަތުން ގޮސް ކުރިމައްޗަށް އެރުމަށްފަހުއެވެ. އަދި އެއަށްފަހު މޫނުމަތީގައި އަތް އަޅައިގެން އޮކަން ދަނޑުމައްޗަށް ވެއްޓުނެވެ. 

މި ހާދިސާއާ ގުޅިގެން ގަލަޓަސަރާއީގެ ނައިބު ރައީސް، މެޓިން އޮޒްޓާކް ބުނީ، ދެ ޓީމުގެ ކޯޗުން ދަނޑަށް އެރީ މެޗަށްފަހު ރެފްރީއާ ސަލާންކުރަން ކަމަށާއި، ނަމަވެސް އެއަށްފަހު އަނގަ ބަހުންނާއި އަތުން މޮރީނިއޯ ވަނީ އޮކަންއަށް ހަމަލާދީފައިކަމަށެވެ. މީގެ އިތުރުން، ތުރުކީގެ ފުޓުބޯޅަ ފެޑެރޭޝަނުން މިކަމަށް ފިޔަވަޅެއް އެޅުމުގެ ކުރިން ފެނަބާޗޭގެ މެނޭޖުމެންޓުން މޮރީނިއޯއަށް ފިޔަވަޅު އެޅުމަށް އޭނާ ވަނީ ގޮވާލާފައެވެ. 

ޓާކިޝް ކަޕްގެ ކުއާޓާ ފައިނަލުގެ މި މެޗު ގަލަޓަސަރާއީ ކާމިޔާބުކުރީ 2-1 އިންނެވެ. މި މެޗުގައި ގަލަޓަސަރާއީގެ ދެ ގޯލު ވެސް ކާމިޔާބުކުރީ ވިކްޓަރ އޮސިމޭންއެވެ. 

ގަލަޓަސަރާއީއިން މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ވެސް ފެނުނު އޮކަން، އެ ޓީމުގެ ކޯޗަކަށް އައްޔަނުކުރީ 2022 ގައެވެ. 

މެޗަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެމުން އޮކަން ބުނީ، އޭނާ އާއި މޮރީނިއޯ އާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ. އަދި މޮރީނިއޯ އޭނާގެ ނޭފަތުގައި ހިފުމުން، ނޭފަތުގެ ބޭރުގައި އެޅިފައިވާ ކޫރުމެއްގެ އިތުރުން އަނިޔާއެއް ނުވާކަމަށް އޭނާ ބުންޏެވެ. ނަމަވެސް މޮރީނިއޯގެ އެ އަމަލަކީ ރަގަޅު އަމަލެއް ނޫންކަމަށާއި، އަދި މި މައްސަލައިގައި ދައުވާ ނުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ދެ ޓީމު ޓާރކިޝް ސުޕަ ލީގުގައި މިދިޔަ ފެބުރުއަރީ މަހު ކުޅުނު މެޗަށްފަހު ވެސް ވަނީ މޮރީނިއޯއާ މައްސަލަތަކެއް ޖެހިފައެވެ. އެ މެޗަށްފަހު މޮރީނިއޯގެ ފުށުން ނަސްލީ ތަފާތުކުރުމުގެ ޢަމަލުތައް ފެނިފައިވާތީ ޤާނޫނީ ގޮތުން އޭނާއަށް ދައުވާ ކުރާނެކަމަށް ވެސް އޭރު ގަލަޓަސަރާއީއިން ވަނީ ހާމަކޮށްފައެވެ. 

މީގެ އިތުރުން ވެސް، އަޚުލާގީ ދެ މައްސަލައަކާ ގުޅިގެން ހަތަރު މެޗުގެ ސަސްޕެންޝަނަކާއި 35،194 ޕައުންޑުގެ ޖޫރިމަނާއެއް ވަނީ މޮރީނިއޯއަށް މީގެ ކުރިން އައިސްފައެވެ. 

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

450

Ads by MSS