ޚަބަރު
ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ނުވަ ރަށެއްގައި ފަށައިފި

ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ އެކްސްކަވޭޓަރުތައް ވަނީ ބައެއް ރަށްރަށަށް ގެންގޮސްފައި، ފޮޓޯ: އެމްޑަބްލިޔުއެސްސީ
ސާފު ފެނާއި ރައްކާތެރި ނަރުދަމާ ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ނުވަ ރަށެއްގައި ފަށައިފިކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެވެ.
މަތީން ވިދާޅުވީ، މިއީ ސާފު ފެނާއި ރައްކާތެރި ނަރުދަމާ މުޅި އާބާދީއަށް ކަށަވަރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ނުވަ ރަށް ކަމަށެވެ.
މިހާރު މަސައްކަތްތައް ކުރިޔަށްދާ ރަށްތަކުގެ ތެރޭގައި ހިމެނެނީ، ށ.ނޫމަރާ، ށ. ބިލެތްފަހި، ނ. މިލަދޫ، ނ. މަގޫދޫ، ބ. ކުޑަރިކިލު، އދ. ފެންފުށި، މ. ރަތްމަންދޫ، ތ. ދިޔަމިގިލީ އަދި ތ. މަޑިފުށްޓެވެ.
އެގޮތުން ށ.ނޫމަރާ އަދި އެއަތޮޅު ބިލެތްފަހީގެ އިތުރުން ނ. މިލަދޫ އާއި އެއަތޮޅު މަގޫދޫ އާއި ބ. ކުޑަރިކިލުގައި ފެނުގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އެކްސްކަވޭޓަރ އެ ރަށް ރަށަށް ގެންގޮސް، އާރް.އޯ ބިލްޑިންގްގެ ސައިޓް ސާފުކުރުމުގެ މަސައްކަތް އެމްޑްބްލިޔުއެސްސީގެ މުވައްޒަފުން ވަނީ ފަށާފައެވެ. އަދި ނޫމަރާގައި ގޭގެއަށް ޚިދުމަތް ގުޅުމަށް ކުރަންޖެހޭ ސަރވޭގެ މަސައްކަތް ވެސް ޝެޑިއުލްކޮށްފައިވާކަމަށް މަތީން ވަނީ ހާމަކޮށްފައެވެ.
އދ. ފެންފުށީގެ ފެނުގެ ނިޒާމުގެ މަސައްކަތް އަލުން ފަށައިގަތުމަށް ބޭނުންވާ ސާމާނުވެސް އެ ރަށަށް ގެންދެވި އާރ.އޯ ބިލްޑިންގް ސައިޓު ސާފުކުރުމާއި މ. ރަތްމަންދޫގެ ގޭގެއަށް ޚިދުމަތް ގުޅުމަށް ކުރަންޖެހޭ މަސައްކަތްތައްތަކާއެކު އާރ.އޯ ބިލްޑިންގް ސައިޓް ސާފުކުރުމުގެ އިތުރުން ތ.ދިޔަމިގިލީގެ މަސައްކަތް ފެށުމަށް ސާމާނު ރަށަށް ގެންދެވި އާރް.އޯ ބިލްޑިންގގެ ސައިޓް ސާފުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ސަރުކާރުން ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫޢެއްގައި ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް ސަރުކާރުގެ ފުރިހަމަ ބާރު އޮންނަގޮތަށް އެ މަޝްރޫއުތައް ފެށިގެން ކުރިއަށްގެންގޮސް ނިންމަވާނެކަމަށެވެ.